ޚަބަރު

އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމަށް ފޮޓޯ މައުރަޒެއް


  • އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން ބޭއްވި ޙަރަކާތެއް

  • ހިއުމަން ރައިޓްސް ކްލަބް އެވޯޑު ދިނުން އޮތް

އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި ޔޫ.އެން މޯލްޑިވްސްއާއި ގުޅިގެން ފޮޓޯ މައުރަޒެއް ހުޅުވައިފިއެވެ.

މި މައުރަޒަކީ އިންސާނީ ޙައްޤުތަކުގެ އާންމު ޤަރާރު އދ. ގެ ޢާންމު މަޖިލީހުން ފާސްކޮށް އދ.ގެ މެންބަރު ޤައުމުތަކުން ޢަމަލުކުރަން ފެށިތާ 75 އަހަރު ފުރުމާއި، ހިއުމަން ރައިޓްސް ކޮމިޝަން ޤާއިމްކުރިތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ މައުރަޒެކެވެ.

"ލެންސް އޮން ހިއުމަނިޓީސް ޖަރނީ" ކުރިއަށްދަނީ އެސްއެމްސީ ހަބްގައެވެ. މި މައުރަޒަށް ހާއްސަކޮށްފައިވާ ތީމް އަކީ "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް"އެވެ. ފޮޓޯ މައުރަޒް އާއްމުންނަށް ހުޅުވާލައިގެސް، މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ފޮޓޯ މައުރަޒު އިފްތިތާހުކުރުމުގެ ހަފްލާގައި ވަނީ، އިންސާނީ ހައްގުތަކުގެ ދުވަހުގެ ޚާއްސަ ވީޑިއޯ ރިޕޯޓެއް ދައްކާފައެވެ. މި ރިޕޯޓުގައި އިންސާނީ ޙައްޤުތަކާ ބެހޭގޮތުން ޢާންމުން ދެކޭގޮތާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި، ޙިމާޔަތްކުރުމުގައި، ކޮމިޝަނުގެ މުހިންމު ދައުރަށް އަލިއަޅުވާލާފައި ވެއެވެ.

ފޮޓޯ މައުރަޒު ހުޅުވުމަށް ބޭއްވި ހަފްލާގައި އެޗްއާރްސީއެމްގެ ފަރާތުން ސްކޫލްތަކުގައި ގާއިމްކޮށްފައިވާ ހިއުމަން ރައިޓްސް ކްލަބްތަކަށް އަމާޒުކޮށް، 2 އެވޯޑެއް ފުރަތަމަ ފަހަރަށް ދީފައިވެއެވެ. އެގޮތުން، ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް އެވޯޑް ލިބިފައިވަނީ ރެހެންދި ސްކޫލްގެ ދަރިވަރެއް ކަމުގައިވާ ފާތިމަތު އާލާ އަބްދުالله ސާލިހަށެވެ. އަދި މޯސްޓް އެކްޓިވް ހިއުމަން ރައިޓްސް ކްލަބްގެ އެވޯޑް ލިބިފައިވަނީ އައްޑޫ ހައި ސްކޫލަށެވެ.

މި އެވޯޑްތަކަކީ އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ކްލަބްތަކުންނާއި ކްލަބްގެ ދަރިވަރުންކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، މިފަދަ ހަރަކާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ތައާރަފްކުރެވުނު އެވޯޑެކެވެ.

ހިއުމަން ރައިޓްސް ކްލަބަކީ ސްކޫލްތަކުގެ ދަރިވަރުން އިންސާނީ ޙައްޤަށް އަހުލުވެރިކުރުވާ އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ އަމަލީ މަސައްކަތުގައި އުޅުމަށް ބާރުއަޅުވައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރާ ޘަޤާފަތެއް މުޖުތަމަޢުގައި އުފެއްދުމުގެ މަޤްޞަދުގައި ހިއުމަން ރައިޓްސް ކޮމިޝަނާއި، ޔުނިސެފް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ތައާރަފް ކޮށްފައިވާ ކްލަބް ތަކެކެވެ. ކްލަބްތައް ސްކޫލުގައި އުފައްދައި މެނޭޖްކުރަނީ އެ ސްކޫލަކުންނެވެ.