ކުޅިވަރު

ގައުމީ ބަނޑުފިލާ ޗެލެންޖް މި މަހު ބޭއްވުމަށް ތައްޔާރުވަނީ


ގައުމީ ބޮޑީބޯޑިން ލީގުގެ މި އަހަރުގެ އެންމެ ފަހު މުބާރާތް ކަމަށްވާ ގައުމީ ބަނޑުފިލާ ޗެލެންޖް 2023 މި މަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރު 18-22 ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުޅުވާލާފައެވެ.

މި މުބާރާތުން ޖުމްލަ 2000 ޕޮއިންޓް ލިބުމުގެ ފުރުސަތު ލިބެއެވެ. އެއާއެކު މި މުބާރާތް ވެފައިވަނީ މިއަހަރު ކުރިއަށްދާ ގައުމީ ބޮޑީބޯޑިން ލީގު ރޭންކިންގެ އެންމެ ފަހު މުބާރާތަށެވެ. އަންނަ އަހަރަށް އެކުލަވާލާ ޤައުމީ ޓީމުގެ ސީނިއާ އަދި ޖޫނިއާ މެންސް ކެޓަގަރީގައި ހިމެނޭ ރާޅާއެޅުންތެރިން ހޮވާނީ މި ރޭންކިންއަށް ބެލުމަށްފަހުއެވެ.

މީގެ އިތުރުން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ވަނީ މިއަހަރު ފުވައްމުލަކުގައި ބޭއްވުމަށް ތައްޔާރުވި ފުވައްމުލައް ބޮޑީބޯޑިން ޗެލެންޖް އާއި ކ. ތުލުސްދޫގައި ބޭއްވުމަށް ތައްޔާރުވި ރަންދާ ބޮޑީބޯޑިން ޗެލެންޖް ނުބާއްވަން ނިންމާފައެވެ. އެމްބީބީއޭއިން ބުނީ މި މުބާރާތްތައް ނުބޭއްވުމަށް ނިންމީ ފައިސާގެ ދަތިކަމާއި އެކަށީގެންވާ ވަގުތު ނެތުމުން ކަމަށެވެ.

ޤައުމީ ބަނޑުފިލާ ޗެލެންޖް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2019 ވަނަ އަހަރުގައެވެ. އަދި މިއީ އެ މުބާރާތް ބާއްވަން ތައްޔާރުވާ ތިންވަނަ އަހަރެވެ.

އެންމެ ފަހުން ބޭއްވި ދެ މުބާރާތުގައި މެންސް އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. އަދި 2019 ގެ ޖޫނިއާ މެންސް ބައިގެ ޗެމްޕިއަންކަން މުހައްމަދު ރީޝާން ރަޝީދު ހޯދިއިރު 2022 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޖޫނިއާ މެންސް ބައިގެ ޗެމްޕިއަންކަން ހޯދީ އާމިން އުމަރު މޫސާއެވެ.

ޤައުމީ ބަނޑުފިލާ ޗެލެންޖް ކުރިއަށްދާނީ ޖުމްލަ ފަސް ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ މެންސް އޯޕަން، ޖޫނިއާ މެންސް، ޑްރޮޕްނީ، އަދި މިދިޔަ އަހަރު އަލަށް ތައާރަފްކުރެވުނު އަންހެން އަދި މާސްޓާޒް ކެޓަގަރީ ހިމަނައިގެންނެވެ. މި މުބާރާތުގެ އެކި ކެޓަގަރީތައް އިންސާފުކުރާނީ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ގެ ހުއްދަ ލިބިފައިވާ ރާއްޖޭގެ ޖަޖުންނެވެ.