ޚަބަރު

ބަޣްދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ރޮކެޓް ޙަމަލަތަކެއް ދީފި


ޢިރާޤުގެ ވެރިރަށް ބަޣްދާދުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ރޮކެޓް ޙަމަލަތަކެއް ދީފިއެވެ. ބަޣްދާދުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ގްރީން ޒޯންގައި ހުންނަ އެމެރިކާގެ އެމްބަސީއަށް އަމާޒުކޮށް ދިން މި ހަމަލަތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވި ނަމަވެސް، އެމްބަސީ ހުންނަ ޢިމާރާތަށް ކޮންމެ ވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނު ކަމުގައި ރިޕޯޓުތައް ބުނެއެވެ.

މިއީ، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ އުދުވާންތައް ފެށި ފަހުން އެމެރިކާގެ އަމާޒަކަށް މި ފަދަ ޙަމަލަތަކެއް ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. މެދުއިރުމަތީގެ ޤައުމުތަކުގައި ޤާއިމު ކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ސިފައިންނަށް އަމާޒުކޮށް މި ފަދަ ޙަމަލަތަކެއް ކުރިން ވެސް ދީފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ސަބަބަކީ، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ އުދުވާނަށް އެމެރިކާއިން ވާގިވެރިވުމެވެ. އަދި، އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ޢިރާޤުގެ ސަލާމަތީ ބާރުން ބުނީ އެމެރިކާގެ އެމްބަސީއަށް އަމާޒުކޮށް 14 ރޮކެޓް ޙަމަލަ ފޮނުވައިލާފައިވާ ކަމުގައެވެ. މި ޙަމަލަތައް ދިނުމަށް ބޭނުން ކޮށްފައި ވަނީ ކާތުޔޫޝާ މަރުކާގެ ރޮކެޓްތަކެކެވެ. މީގެ ތެރެއިން އެއް ރޮކެޓް އަރާފައި ވަނީ އެމްބަސީގެ ގޭޓަށެވެ. އިތުރު ރޮކެޓްތައް އެ ސަރަޙައްދުގެ އިތުރުން އެ ސަރަޙައްދުގައި އޮންނަ ދިޖްލާ ކޯރަށް ވެއްޓިފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.

އެމްބަސީއަށް އަމާޒުކޮށް ރޮކެޓް ޙަމަލަތަކެއް ދީފައިވާ ކަން އެމެރިކާގެ އެމްބަސީން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އެމްބަސީގެ ތަރުޖަމާނަކު ވިދާޅުވީ އެ ތަނަށް ޙަމަލަ ދިނުމުގެ ފަހަތުގައި ވަނީ އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށް ބެލެވޭ ކަމުގައެވެ. އަދި، އެމްބަސީގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އިރާޤުގެ ސަރުކާރަށް ގޮވައިލާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން އިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާޢު އަލް-ސުދާނީ ވަނީ އެމްބަސީއަށް ޙަމަލަ ދިނުމުގެ ފަހަތުގައިވާ ބަޔަކު ހޯދައި، އެ މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރަން އެ ޤައުމުގެ ސަލާމަތީ ބާރުތަކަށް ގޮވައިލައްވާފައެވެ. އަދި، އެމްބަސީއަށް ދީފައި ވަނީ "ޓެރެރިސްޓު" ޙަމަލައެއް ކަމުގައި ވެސް އޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ސިފަކޮށްފައިވެއެވެ. އަދި، މިއީ އިރާޤުގެ ސުލްޙަމަސަލަސް ކަން ނަގައިލުމުގެ ނިޔަތުގައި ދީފައިވާ ޙަމަލައެއް ކަމުގައި ވެސް ބުންޏެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން އުދުވާން ފެށުމާ އެކު، އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން އެމެރިކާގެ އަމާޒުތަކަށް ޙަމަލަދޭނެ ކަމުގެ އިންޒާރު ފަލަސްޠީނުގެ މުސްލިމުންނަށް ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ދީފައެވެ. އެމެރިކާގެ ދިފާޢީ އިދާރާ ޕެންޓަގަނުން ބުނީ، އިރާޤާއި ސޫރިޔާގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރިއްޔާގެ ފައުޖުތަކަށް އަމާޒުކޮށް ތަފާތު 66 ޙަމަލައެއް ދީފައިވާ ކަމުގައެވެ. މި ޙަމަލަތަކުގައި 60 އަށްވުރެ ގިނަ ސިފައިން ޒަޚަމުވެފައިވާ ކަމުގައި ވެސް ޕެންޓެގަނުން ބުނެއެވެ. މީގެ ކުރިން ދީފައިވާ ޙަމަލަތައް އަމާޒު ކޮށްފައި ވަނީ އެމެރިކާގެ ސިފައިންނަށެވެ. އަދި، މިއީ އެމެރިކާގެ އެމްބަސީއަކަށް އަމާޒުކޮށް އޮކްޓޫބަރު 7އަށް ފަހު މި ފަދަ ޙަމަލައެއް ދީފައިވާ ފުރަތަމަ ފަހަރެވެ.

މި ފަދަ ޙަމަލަތަކުގެ ފަހަތުގައި އޮތީ އީރާން ކަަމަށް އެމެރިކާއިން ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް، އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރުޢަބްދައްލިހައްޔާނީ ވަނީ އެ ކަން ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވީ މެދުއިރުމަތީގެ ޤައުމުތަކުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް އެ ޤައުމުން ބާރާއި ނުފޫޒު ފޯރުވަމުން ނުދާ ކަމުގައެވެ. އަދި، އެމެރިކާގެ އަމާޒުތަކަށް ޙަމަލަ ދިނުމަށް އަމުރު ކޮށްފައި ނުވާނެ ކަމުގައެވެ. އެއީ، މިނިވަންކަމާ އެކު ހަރަކާތްތެރިވާ ޖަމާޢަތްތަކެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ބަޣްދާދުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ރޮކެޓް ޙަމަލަތަކެއް ދިނުމުގެ ޒިންމާ އެއްވެސް ޖަމާޢަތަކުން އުފުލާފައި ނުވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.