އައްޑޫ މާރާމާރީއާއި ގުޅިގެން އިއްޔެ ހައްޔަރުކުރި މީހާ، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
އިއްޔެ ހައްޔަރުކުރީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، ކޯޓު އަމުރެއްގެ ދަށުން އޭނާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، އައްޑޫ ހިތަދޫ ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ހާޒިރުވުމުންނެވެ.
އައްޑޫ ސިޓީގައި ހިނގި 2 މާރާމާރީއާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ޖުމްލަ 10 މީހުން މިހާރު އެބަތިއްބެވެ.
މިމައްސަލަތަކާއި ގުޅިގެން ޖުމްލަ 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް އޭގެތެރެއިން އެކަކުވަނީ ދޫކޮށްލާފައެވެ.
ދޫކޮށްލާފައިވަނީ 21 އަހަރުގެ މީހެކެވެ. މިމީހާ ދޫކޮށްލާފައިވަނީ މިމަހުގެ 4 ވަނަ ދުވަހު ކަމަށާއި، އޭނާ ދޫކޮށްލާފައިވަނީ އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
މިމާރާމާރީތަކާއި ގުޅިގެން ފުލުހުންވަނީ އައްޑޫ ސިޓީގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް، އެކަމާއި ގުޅޭ ޚާއްސަ އޮޕަރޭޝަނެއް، އެސިޓީގައި ފަށާފައެވެ.