ޚަބަރު

ޕާޓްނަރޝިޕް ޤާނޫނުގެ އިސްލާހު ތަސްދީޤްކުރައްވައިފި


ޕާޓްނަރޝިޕްގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ތަސްދީޤްކުރައްވައިފިއެވެ. މިބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤް ކުރެއްވުމާއި ގުޅިގެން މި އިސްލާހު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.

ޕާޓްނަރޝިޕްގެ ޤާނޫނަށް މި ގެނެވުނު އިޞްލާޙާ ގުޅިގެން، މިހާރު ޤާނޫނުގައިވާ ބައެއް މާއްދާތައް މާނަކުރުމުގައި ދިމާވާ މައްސަލަތައް ޙައްލުކޮށް، ލިމިޓަޑް ލަޔަބިލިޓީ ޕާޓްނަރޝިޕް ރަޖިސްޓަރީ ކުރާ ފަރާތްތަކަށް، ޒަމާނީ މާލީ މުޤާބިލުތައް މެދުވެރިކޮށް ފައިސާ ހޯދުމަށް ބޭނުންވެއްޖެ ޙާލަތެއްގައި، އެފަދަ މުޢާމަލާތްތަކަށް ވަދެވޭނެފަދަ ގޮތަކަށް ލިމިޓަޑް ލަޔަބިލިޓީ ޕާޓްނަޝިޕްތައް ބައްޓަން ކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

މި އިސްލާހާއިއެކު ލިމިޓެޑް ޕާޓްނަރޝިޕްގައި ބައިވެރިވެވޭ ފަރާތްތަކުން ޢަދަދު ކަނޑައެޅުމުގެ ފުރުޞަތު، އެ ޕާޓްނަރޝިޕްގައި ބައިވެރިވާ ފަރާތްތަކަށް ލިބިގެންދާނެއެވެ. އަދި ކޮންމެ ޕާޓްނާޝިޕެއްގައި މެނޭޖިންގ ޕާޓްނަރެއް ހުންނަންވާނެ ކަމަށާއި، ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރޝިޕެއްގެ މެނޭޖިންގ ޕާޓްނަރެއްގެ ގޮތުގައި ތަބީޢީ ޝަޙްސެއް ނުވަތަ ޤާނޫނީ ޝަޚްސެއް ޢައްޔަން ކުރެވިދާނެ ކަމަށްވެސް މިއަދު ރައީސުލްޖުމްހޫރިއްޔާ ތަސްދީގް ކުރެއްވި އިސްލާހުގައިވެއެވެ. އަދި މި އިޞްލާހުގައިވާ ގޮތުން، މެނޭޖިން ޕާޓްނަރަކީ އާންމު ގޮތެއްގައި ދިވެހި ރާއްޖޭގައި ދިރިއުޅޭ ފަރާތަކަށްވެސް ވާންޖެހެއެވެ.

ޕާޓްނަރޝިޕްގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ މިދިޔަ މާރިޗް މަހުގެ 22 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައެވެ.