ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކުރާ ބަޔަކު ތިބޭ ތަނަކަށް ވާންޖެހޭ ކަމަށާއި، މަޖިލީހަކީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ރައްޔިތުންގެ ތަރައްޤީއަށް ހުރަސް އަޅާ ބަޔަކު ތިބި ތަނަކަށްވެގެން ނުވާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ. އާމިރަކީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީގައި ފާއިތުވެދިތަ 15 އަހަރުވެސް މަސައްކަތް ކުރެއްވާފައިވާ މެމްބަރެކެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓަށް ކޮމިޓީން ގެނައި އިސްލާހާއެކު 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ބަޖެޓް ދިރާސާކުރާ ކޮމިޓީން ވަނީ ފާސް ކުރައްވާފައެވެ. އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނަން ބޭނުންވި ރައްޔިތުންނާއި ގުޅުން އޮތް އެންމެ މުހިންމު މަޝްރޫޢުވަނީ އުނި ކުރައްވާފައެވެ. ރާއްޖޭގައި އޮތް އެންމެބޮޑު މައްސަލަ ކަމުގައިވާ ބޯހިޔާ ވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލު ގެނެސް ދިނުމުގެ ސިޔާސަތާއިއެކު ސަރުކާރުން ހުށަހެޅި ފުށިދިއްގަރުފަޅު ޕްރޮޖެކްޓް ބަޖެޓުން ވަނީ އުނިކޮށްފައެވެ. މިއީ އެތައް ރައްޔިތުންނާއި ގުޅުން އޮތް ބޮޑު ޤައުމީ މައްސަލައަކަށްވާއިރު، ރައްޔިތުންނާއި، ގުޅުން އޮތް މިފަދަ ބޮޑު މަޝްރޫޢެއް ހުއްޓުވާލުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.
މިކަމާގުޅޭގޮތުން ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ ޕާޓީ ސިސްޓަމްގެ ތެރެއިން ވެރިކަން ކުރާއިރު، ޚިޔާލު ތަފާތުވުން ހުންނާނެ ކަމަށެވެ. އެހެންނަމަވެސް ކަނޑައެޅިގެން ރައްޔިތުންނާއި ގުޅުންހުރި މުހިންމު ކަންކަމުގައި ދަތި ކުރުމުގެ ނިޔަތުގައި ކަންކަން ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.
"ބޯހިޔާވަހިކަމަށް ކުރީގެ ސަރުކާރަކުން ކޮށްފައިވާ ކަމަށްވުރެ އިތުރަށް އަދި އެކަން ރަނގަޅަށް ކޮށް ދިނުމަށްޓަކައި ފުށިދިއްގަރުފަޅު ކަހަލަ ބޮޑު ތަނެއް ހިއްކައިގެން އެތަނުން ރައްޔިތުންނަށް ބިންވެރި ކުރުމަށް ނުވަތަ ބޯހިޔާ ވަހިކަން އިތުރު ކުރުމަށް އެކުރަމުންދާ މަސައްކަތަށް ކަނޑައެޅިގެން ޖެއްސުން ކުރުމުގެ ނިޔަތުގައި ނުވަތަ ދަތިކުރުމުގެ ނިޔަތުގައި އެކުރެވޭ ކަމަކީ އެއީ އޮންނަ ސަރުކާރަކަށް ކުރެވޭ ޖެއްސުމެއް ނޫން. އަޅުގަނޑު ސިފަ ކުރާނީ އެއީ ރައްޔިތުންނަށް ކުރެވޭ ދައްޗެކޭ، ރައްޔިތުންނަށް ކުރެވޭ ޖެއްސުމެކޭ. އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި އަޅުގަނޑު އެކަން ސިފަކުރާނީ." އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވި ޖަލްސާގައި މަޖިލިސް ރައީސް ވަނީ މަޖިލިސް ތެރެއިން ސަރުކާރެއް ހިންގުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިކަމަށެވެ. ނަމަވެސް ފެނިގެން ދަނީ މުޅިއަކުން އެގޮތަށް ކަންކަން ހިނގާ މަންޒަރެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ އޮންނަ ސަރުކާރެއްގެ މެނިފެސްޓޯގައި ހުށަހަޅާ ކަންކަން ކޮށްދިނުމަށް މަޖިލީހުން ހުރަސް އެޅުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށެވެ.
"ސަރުކާރު ހިންގުމަށް ދެވޭ އެއްބާރުލުމަކީ ސަރުކާރަކުން ކޮށްދޭން ބޭނުންވާ ކަންތައްތަކަށް އެއްބާރުލުން ދިނުން. މެނިފެސްޓޯއެއް އެކުލަވާލައިގެން މެނިފެސްޓޯއެއްގެ ދަށުން ސަރުކާރެއް ހިންގުމަށް ކޮންމެ ޕާޓީއަކުންވެސް އަންނަނީ. ރައްޔިތުން އޮތީ ރައީސް ޑރ.މުއިއްޒު ރައީސް ކަމަށް ބަލައިގެންފަ. އެމަނިކުފާނުގެ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކޮށްދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަންކަން ކުރަންވާނީ." އާމިރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒާއި، އެމަނިކުފާނުގެ ނާއިބު ހުވާކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ، ރައީސުލްޖުމްހޫރިއްޔާއަށާއި، އެ މަނިކުފާނުގެ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާ ކަންކަން، ޤާނޫނުގެ ތެރެއިން ވީ އެންމެ ރަނގަޅަކަށް ކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް އަސްލަމް ވަނީ ދެއްވާފައެވެ.
އަސްލަމް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ކަންބޮޑުވުންތައް ދެނެގަނެ، އެ ކަންކަން ހައްލުކޮށްދިނުމަށް ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސް މިހާރުވަނީ މިމަހުގެ 18 ވަނަ ދުވަހާއި ހަމަޔަށް ދައުރު ދަންމާލާފައެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސް ކުރުމާއި، ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުން ފަދަ މުހިންމު މަސައްކަތްތައް މަޖިލީހުން އަދި މިހާތަނަށް ނިންމާފައި ނުވެއެވެ.