ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިންވަނީ ރ.އަތޮޅުން ފެށިގެން ވ.އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލަރޓްވެސް ނެރެފައެވެ. މިސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވަނީ ލަފާކޮށްފައެވެ. މީގެ އިތުރުންވެސް ނ.އަތޮޅުން ފެށިގެން ލ.އަތޮޅު ހިމެނޭ ސަރަހައްދަށްވަނީ ވައިޓް އެލަރޓް ނެރެފައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ދެމޫސުން ބެދޭ ވިއްސާރަ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ.
އެއިދާރާއިންވަނީ ވައި، ގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކޮށްފައެވެ. އެގޮތުން އާއްމުގޮތެއްގައިވެސް ވައިޖެހޭނީ 25 މޭލާއި 30 މޭލާ ދެމެދުގައި ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރު، ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ވަނީ ވިއްސާރަކޮށްފައެވެ. އެގޮތުން އެންމެ ގިނައިން ވާރޭވެހުނުކަމަށް ރެކޯޑްކުރި މ.މުއްޔަށް، 55.6 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.
މިހާރު ކުރަމުންދާ ވިއްސާރަ، ދެދުވަހަށް ދެމިގެންދާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
މޫސުން ގޯސްވާވަގުތު ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށާއި، އަދި ވައިގަދަވެ ގެއްލުންލިބޭގޮތަށް ހުރި ކަންކަމަށް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ކަމާއި ގުޅުންހުރި އިދާރާތަކުން ވަނީ އިލްތިމާސްކުރަމުންނެވެ.