ގއ.ދެއްވަދޫ ކައުންސިލްގެ ކުރީގެ ރައީސް އަޙްމަދު ނަޖްމީން ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއަށް ސޮއިކޮށްފިއެވެ.
އޭނާ ޕީއެންސީއަށް ސޮއިކޮށް ހުށައެޅި ފޯމާއި ޙަވާލުވެވަޑައިގަތީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ޕީއެންސީގެ ސެނެޓު މެމްބަރު އަދި މާލެ ސިޓީގެ އެކްޓިންގ މޭޔަރ އަޙްމަދު ނަރީޝްއެވެ.
ދެއްވަދޫގެ ކައުންސިލް ކުރީގެ ރައީސް ނަޖްމީން ވެރިކަންކުރާ ޕާޓީއާއި ގުޅުމުގެ ސަބަބުން އެރަށުގެ ސިޔާސީ މަޝްރަހަށް ބޮޑު ބަދަލެއް އައިސް ގިނަ ބަޔަކު އެޕާޓީއަށް ވަންނަމުންދާނެ ކަމަށް ޕީއެންސީން ބުނެއެވެ.
ޕީޕީއެމް ޕީއެންސީއަށް މީހުން އިތުރުކޮށް އަންނަ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އެޕާޓީއަށް ހޯދުމަށް ހުރިހާ ބޭފުޅުން ގުޅިގެން މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ އެދިވަޑައިގަންނަވާފައެވެ. ރައްޔިތުންގެ ތާޢީދު ހޯއްދެއްވުމަށް ސަރުކާރުގެ އިސްވެރިން ކުރިއަށް އޮތް ދުވަސްތަކުގައި އަތޮޅުތަކުގެ ރަށްތަކަށް ދަތުރުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.