ސިޔާސީ

ޕީޕީއެމް މަހާސިންތާ ބ.އަތޮޅުގައި ބޭއްވުމަށް ނިންމައިފި


" ރައީސް ޔާމިން 2018 " ކެމްޕެއިން ލީޑަރުން ތަމްރީންކުރުމުގެ މަހާސިންތާގެ ހަތަރުވަނަ ބުރު މާޅޮސްމަޑުލު ދެކުނުބުރީގައި ބޭއްވުމަށް ނިންމައިފިއެވެ.

ރައީސް ޔާމީންގެ ކެމްޕެއިން އޮފިހުގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މަހާސިންތާގެ މީޑިއާ ކޯޑިނޭޓަރ އިބްރާހީމް މުޢާޒް ޢަލީ ވިދާޅުވީ، ޕީޕީއެމް ކެމްޕެއިން ލީޑަރުން ތަމްރީނު ކުރުން އަތޮޅުތަކަށް އަމާޒުކޮށް ބޭއްވުމަށް ނިންމާފައިވާކަމަށާއި، ބ.އަތޮޅުގައި މަހާސިންތާ ބެއްވުމަށް ނިންމާފައިވަނީ މިމަހުގެ ފަހަކުން އަށްވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ.

މިއީ އަތޮޅުތަކުގައި ތިއްބެވި ޕީޕީއެމްގެ މެމްބަރުންގެ އެދުމުގެ މަތިން ފެއްޓެވި މަހާސިންތާއެއްކަން ފާހަގަކުރައްވާ މުޢާޒް ވިދާޅުވީ، ބ.އަތޮޅުގައި ބާއްވާ މަހާސިންތާ ނިމުމުން ދެން އޮންނަ މަހާސިންތާއެއް ބާއްވާނެ އަތޮޅެއް އިޢުލާނު ކުރައްވާނޭކަމަށް މުއާޒް ވިދާޅުވިއެވެ.

އަދި ބ.އަތޮޅުގައި މަހާސިންތާ ބައްވަނީ އެއަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް އަމާޒުކޮށް ތިން ސަރަހައްދަކަށް ބަހާލައިގެންކަމަށް މުއާޒް ވިދާޅުވިއެވެ. ކުރިން ބޭއްވި ތިން މަހާސިންތާއާ ޚިލާފަށް މިފަހަރުގެ މަހާސިންތާގައި ޢަމަލީ ބައި ފެނިގެންދާނެކަން މުޢާޒް ފާހަގަކުރެއްވިއެވެ. މުޢާޒް ވިދާޅުވީ، މިހާތަނަށް ބޭއްވި ދެ މަހާސިންތާއިން ބާރަ ސަތޭކަ ކެމްޕެއިން ލީޑަރުން ތަމްރީން ކުރެވިފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ އިސްނެންގެވުމުގެ މަތިން މިހާތަނަށް ތިން މަހާސިންތާއެއް ބާއްވާފައިވާއިރު، އެންމެ ފުރަތަމަ ބާއްވާފައިވަނީ ހއ.އިން ފެށިގެން މ އަތޮޅާ ދެމެދުގެ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެނެވެ. އަދި ދެވަނަ ބުރު ފ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކުގެ ރަށްތަކަށް އަމާޒުކޮށް ބާއްވާފައިވާއިރު ތިންވަނަ މަހާސިންތާ ބާއްވާފައިވަނީ މާލެ ދާއިރާއަށް އަމާޒުކޮށްގެނެވެ.