ޚަބަރު

ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ހުޅުމާލެއަށް


ހުޅުމާލޭ ހޮސްޕިޓަލުގައި މާދަމާ ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ބައްލަވަން ފައްޓަވާނެކަމަށް އާސަންދަ ކޮމްޕެނީން ހާމަކޮށްފިއެވެ.

އެ ކުންފުނިން ހާމަކުރާ ގޮތުގައި، ސުޕަރ ސްޕެޝަލިސްޓު ޑޮކްޓަރުންނާއި ސްޕެޝަލިސްޓު ޑޮކްޓަރުން ހުޅުމާލޭ ހޮސްޕިޓަލުގައި މާދާމާއިން ފެށިގެން މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ބައްލަވާނެއެވެ. ޑޮކްޓަރަށް ދެއްކުމަށް މީހުން ރަޖިސްޓްރީކޮށްފައިވާއިރު، ޑޮކްޓަރު ދެއްކުން އޮންނާނީ މާދަމާ ހަވީރު 16.00 އިން ރޭގަނޑު 20.00 އަށެވެ. އަދި 4 ވަނަ ދުވަހުގެ ހެނދުނު ނުވަޔަކުން ހަވީރު 17.00 އަށެވެ. 

އާސަންދަ ކޮމްޕެނީގެ ޑެޕިއުޓީ މެނޭޖަރ ޢާއިޝަތު ޒަމީރާ ވިދާޅުވީ، ހުޅުމާލޭ ހޮސްޕިޓަލުގައި ޑޮކްޓަރުން ބެއްލެވުމަށް ހަމަޖެހިފައިވަނީ ކިޑްނީގެ ބަލިތަކަށް ކަމަށެވެ. އޭގެ ތެރޭގައި ކިޑްނީ ފެއިލްވުމާއި، ކިޑްނީގައި ހިލަ އުފެދުމާއި، ކިޑްނީ ބަދަލުކޮށްފައިވާ ބަލިމީހުންނާއި، ޑައިލަސިސް ހަދަމުންދާ ބަލިމީހުން ހިމެނެއެވެ. މި ޕްރޮގްރާމް ތެރެއިން މިދިޔަ މަހުވެސް ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި އަންހެނުންގެ ޚާއްސަ ބަލިތަކާއި ކަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން ޒިޔާރަތްކޮށް ބަލި މީހުން ބައްލަވާފައެވެ. މީގެއިތުރުން މިމަހުގެ 05 ދުވަހު ރ.ނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކިޑްނީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ.

ސްޕެޝަލިސްޓުންނާއި ސުޕަރ ސްޕެޝަލިސްޓުންގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބުރު މިދިޔަ އަހަރު ވަނީ ނިމިފައެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން މައިބަދައިގެ މައްސަލަތަކާއި، ކަރުންމަތީގެ ބަލިތަކަށް ދައްކާ ބަލި މީހުންގެ އަދަދު ގިނަ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް އާސަންދަ ކޮމްޕެނީން ހާމަކުރެއެވެ.

މިޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 83 ޑޮކްޓަރުން ރާއްޖެއަށް ޒިޔާރަތްކޮށް، 6000 އަށްވުރެ ގިނަ ބަލިމީހުން ބައްލާފައިވެއެވެ. ތަފާތު 18 ދާއިރާއަކުން ޑޮކްޓަރުން ގެނެސްފައިވާއިރު، އޭގެތެރޭގައި ނާރުގެ ބަލިތަކާއި، ކިޑްނީގެ ބަލިތަކާއި، ކެންސަރާއި ލޭގެ ބަލިތަކުގެ އިތުރުން ހިތުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން ހިމެނެއެވެ.