އައްޑޫ ސިޓީގައި ހިނގި 2 މާރާމާރީއާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު ތިބީ 10 މީހުން ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މި 2 މާރާމާރީއާއި ގުޅިގެން ޖުމްލަ 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަނަމަވެސް އޭގެތެރެއިން އެކަކުވަނީ ދޫކޮށްލާފައެވެ.
ދޫކޮށްލާފައިވަނީ 21 އަހަރުގެ މީހެކެވެ. މިމީހާ ދޫކޮށްލާފައިވަނީ މިމަހުގެ 4 ވަނަ ދުވަހު ކަމަށާއި، އޭނާ ދޫކޮށްލާފައިވަނީ އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިމާރާމާރީތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހޯދަމުން ދިޔަ މީހަކު މިއަދު އަމިއްލައަށް ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމުން ހައްޔަރުކޮށްފައިވާކަމަށެވެ. އެއީ 29 އަހަރުގެ ދިވެހި ފިރެހެނެކެވެ.
މި މާރާމާރީތަކާއި ގުޅިގެން ފުލުހުންވަނީ އައްޑޫ ސިޓީގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް، އެކަމާއި ގުޅޭ ޚާއްސަ އޮޕަރޭޝަނެއް، އެސިޓީގައި ފަށާފައެވެ.