ތަޢުލީމު

އެމްއައިޔޫގެ 200 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއަކީ ހަމައެކަނި މޮޅުދަރިވަރުންތަކެއް އުފައްދަވާ ތަނެއްގެ އިތުރުން ޢިލްމީ ދިރާސާތައްވެސް ކުރައްވާ ޔުނިވަރސިޓީއަކަށް ވުމަށް ސަރުކާރުން އެދިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީ އުފުދުމަށްފަހު އެޔުނިވަރސިޓީން ބޭއްވެވި ފުރަތަމަ ދަސްވެނިވުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވަހަކަފުޅު ދައްކަވަމުންނެވެ.

ކުއްލިއްޔާ އިސްލާމިކް ޔުނިވަރސިޓީއަކަށް ބަދަލުވުމަށްފަހު އެޔުނިވަރސީޓީން ބޭއްވެވި ފުރަތަމަ ދަސްވެނިވުމުގެ ހަފްލާގައި އިސްލާމިކް ޔުނިވަރސިޓީގެ އެކިކޯސްތައް ނިންމި ދުއިސައްތައަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެ ސަނަދު ޙާޞިލްކޮށްފައިވެއެވެ. ދަސްވެނީންނަށް ސަނަދު ހަވާލުކުރުމަށް ދަރުބާރު ގޭގައި ބޭއްވެވި ހަފްލާގައި އިސްލާމިކް ޔުނިވަރސިޓީގެ އެކި ކުއްލިއްޔާތަކުން މިދިޔަ އަހަރު ކޯސްތައް ނިންމި ދަރިވަރުންގެ ތެރޭން އެކި ކޯސްތަކުން އެންމެ މަތީ ކާމިޔާބީ ޙާޞިލްކުރި ދަރިވަރުންނާއި ޔުނިވަރސިޓީގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަށް އެވޯޑާއި އިނާމު ހަވާލުކުރުން ކުރިޔަށްދިޔައެވެ. މިގޮތުން ހުރިހާގޮތަކުން އެންމެ މޮޅުދަރިވަރަކަށް ހޮވިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާއި، އިސްލާމިކް ޔުނިވަރސިޓީން ދޭ އެންމެ ޝަރަފްވެރި އެވޯޑް ހާޞިލްކޮށްފައިވަނީ ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާރސް ޑިގްރީ ނިންމާ ދަސްވެނިވި ދަރިވަރު އާއިޝަތު ރުހުޝާ ނަޝީދެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީން ކުދިން ދަސްވެނިވެގެން ނުކުންނައިރު އެކުދިންގެ ވިސްނުމާއި ފިކުރު ދިވެހިރާއްޖޭގެ އުދަރެސްތަކުން ބޭރަށް ފޯރަންޖެހޭކަމަށެވެ. މިގޮތުން އިސްލާމްދީނަށް މިއަދު ދިމާވެފައިވާ ގޮންޖެހުންތަކާ،އިސްލާމުންގެ ޝޫރަތު ދުނިޔޭގެ އެކި ހިސާބުގައި އަޖުމަކުރެވޭ މިންވަރު ބަދަލުވެގެންދަނީ ކީތްވެގެންތޯ ބަލާ ދިރާސާކުރަންޖޭހޭކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ޔުނިވަރިސިޓީ ވާންޖެހޭނީ އިސްލާމީ މުޖްތަމަޢުގައި ތަފާތު ވިސްނުންތައްހުރި ތަފާތު ތަރުޖަމާތައް ހުރި އިސްތިލާހްތައް ދިރާސާކުރެވޭނެ ޔުނިވަރސިޓީއަކަށްކަމަށެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުގައި އިސްލާމިކް ޔުނިވަރސިޓީ އުފެދުމަށްފަހު ޔުނިވަރސިޓީ ތަރައްޤީކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން އިސްލާމީ އެކިދާއިރާތަކުން މަތީފެންވަރުގެ ކޯސްތައް މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވެފައިވާކަމަށާއި އަދި ޖުޑިޝަލް ސައިންސްގެ ދާއިރާއިންވެސް މަތީފެންވަރުގެ ކޯސްތައް މިއަހަރު ފެށޭނެކަމަށް ޝަހީމް ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވަރސިޓީގައި މިހާރު ދެހާހެއްހާ ދަރިވަރުން ތަޢުލީމް ހާޞިލްކުރަމުންދެއެވެ. އިސްލާމިކް ޔުނިވަރސިޓީން ވިދާޅުވީ އެ ޔުނިވަރސިޓީގެ އަމާޒަކީ 2020 ވަނަ އަހަރާއި ހަމައަށްދާއިރު މިއަދަދު 5000 ދަރިވަރުންނަށް މައްޗަށް ޖެއްސުންކަމަށެވެ.