ޚަބަރު

ރައީސް ދެއްވި ޔަޤީންކަން: ކޮރަޕްޓުނުވެ ސަރުކާރު ހިންގާނަން!


ކޮރަޕްޓުނުވެ މިސަރުކާރު ހިންގާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ، ބައިނަލްއަޤްވާމީ އެންޓިކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދަރުބާރުގޭގައި ބޭއްވެވި މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދަޅުވީ، މިސަރުކާރު ހިންގާނީ ކޮރަޕްޓްނުވެކަމަށެވެ. އެއްވެސް ފަރާތަކުން ކޮޕަރްޝަންގެ އެއްވެސް ޢަމަލެއް ހިންގާކަން ސާބިތުވެއްޖެނަމަ ޤާނޫނީ ފިޔަވަޅު އެޅުމަށް އެމަނިކުފަނު ފަސް ނުޖެހޭނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އެކަމުގައި ޚިޔާލު ތަފާތުވުމެއް ނޯންނާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ޢާންމުން ހޭލުންތެރިކޮށް ނަޒާހަތްތެރި މުޖުތަމައުއެއް ބިނާކުރުމަށް އިލްމީ ފެންވަރެއްގައި މިސަރުކާރުން މަސައްކަތްކުރައްވާނެކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ ކުޑަ އަދި ބޮޑު މަސައްކަތެއްވިޔަސް އެއްބާރުލުން ދެއްވުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތައް ޢާންމުކަމަށް ބަދުވެސް ވާހަކަދެކެވެނީ ސިޔާސީގޮތުން މަތީ މަޤާމުތަކުގައި ތިބޭ ފަރާތްތަކާއި މާލީގޮތުން ބާރުވެރި ފަރާތްތަކުގައިކަމަށެވެ. އެކަމުން އެނގިގެންދަނީ މަތީ މަޤާމުތަކާއި މާލީގޮތުން ފުދުންތެރިކަން އިތުރުވީ މިންވަރަކަށް އެމީހެއްގެ ކިބައިގައިވާ ނަޒާޙާތްތެރިކަން އިތުރުކޮށް އަމާނާތްތެރިވާންޖެހޭނެކަންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކޮރަޕްޝަން އުފަންވާ ޙާއްޔަކީ، ހުދުގިރުވާނުގައިކަމަށް ބުނެވޭ. ކޮރަޕްޝަންގެ ކުށަކީ، ހުދުގިރުވާނުލީ ގިންތީގެ ކުށެއްކަމަށް ބުނެވޭ. އޭގެ މާނައަކީ ނަހަމަގޮތުގައި ނޫފޫޒުފޯރުވުމުގެ ކުށް ހިންގަނީ ސިޔާސީ ގޮތުންނާއި މާލީ ގޮތުން މަތީ ދަރަޖަ ދެވިފައިވާ މީހުންގެ މެދުގައިކަމަށް ބުނެވޭ. އެހެންކަމުން މިތަނުގައި ލިބޭ ފިލާވަޅަކީ، ޤައުމުގެ އިޖްތިމާޢީ، ސިޔާސީ ހަރުގަނޑުން ތިމާއަށް މައްޗަށް އެރުނުވަރަކަށް އަމާނަތްތެރިކަމާއި ތެދުވެރިކަމުގެ މަގަށް ބަލަން ފަރުވާތެރިވާންޖެހޭނެކަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ކޮރަޕްޝަނެއްގައި ދެމީހަކު ހިމެނޭކަމަށާއި، އެއީ ބޭނުމެއް އޮވެގެން ދާ މީހާއާއި އެކަމެއް ފުއްދައިދޭ މީހާއަށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކަންކަން ކުރަން އޮންނަ އުސޫލުން ބޭރުން އެއްވެސް ފަރާތެއްގެ ކިބައިން ބޭނުމެއް ފުއްދުމަށް ނުދިޔުމަކީ ކޮރަޕްޝަން ހައްލުކުރުމުގެ ފުރަތަމަ މަރުޙަލާކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ތާރީޚުން ބޮޑެތި ކުށްތައް ހިނގާފައިވާތަން ފެންނަން ހުރިނަމަވެސް ރަސްކަމުގެ ދައުރުގައިވެސް ރަސްކަމުގެ ބާރު ފަނޑިޔާރުގެއަށް ނުފޯރާކަން ބޭރުން ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވާ އެކި ފަރާތްތަކުގެ ލިޔެކިޔުންތަކުން ފެންނަން ހުރިކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު އިޤްތިޞާދު ހަރުދަނާކުރެއްވުމަށް ބޭރުގެ ފަރާތްތަކުގެ އިތުބާރު ހޯދުމަށްޓަކައި ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކޮރަޕްޝަނާއި ދެކޮޅަށް ކޮންމެ މީހަކުވެސް މަސައްކަތްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.