ޚަބަރު

ގަޔާނާއިން ތެޔޮ ނެގުމަށް ޙުއްދަ ދެއްވާނެ ކަމަށް ވެނެޒުއޭލާގެ ރައީސް ވިދާޅުވެއްޖެ


ދެކުނު އެމެރިކާގެ ޤައުމެއް ކަމަށްވާ ގަޔާނާގެ އެސްކިއުބޯ ސަރަޙައްދުގައި ހުރި ތެޔޮ ހޯދައި އޭގެ ބޭނުން ކުރުމުގެ ޙުއްދަ ދެއްވާނެ ކަމަށް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެއެވެ. މަދޫރޯ އެގޮތަށް ވިދާޅުވެފައި ވަނީ އެސްކިއުބޯ ސަރަޙައްދުގައި ވެނެޒުއޭލާ ދަށަށް ގެނައުމަށް އެ ޤައުމުގެ ޢާންމުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓަކަށް ފަހުއެވެ. އެސްކިއުބޯ ސަރަޙައްދުގައި ވެނެޒުއޭލާގެ ދަޢުލަތެއް އުފެއްދުމަށް ތާއީދުކުރާ ކަމަށް ވޯޓުގައި ބައިވެރިވި 95 އިންސައްތަ މީހުން ވަނީ ބުނެފައެވެ.

މަދޫރޯ އެ ގޮތަށް ވިދާޅުވުމުން ގަޔާނާގެ ރައީސް އިރުފާން ޢަލީ ވިދާޅުވީ އެކަމާ ގުޅިގެން އދގެ ސެކްރެޓަރީ ޖެނެރަލްއާ ވާހަކަ ދައްކަވާފައިވާ ކަމަށާއި އދގެ ސަލާމަތީ މަޖިލީހުން އެކަމަށް ތަދައްޚުލްވުމަށް ސެކްރެޓަރީ ޖެނެރަލް އެދިލައްވަމުންދާ ކަމަށެވެ.

"މިއީ ގަޔާނާގެ ސަރަޙައްދީ އެއްބައިވަންތަކަމާއި އިސްތިޤުލާލާއި ސިޔާސީ މިނިވަންކަމަށް އޮތް ސީދާ ނުރައްކަލެއް." އިރުފާން ވިދާޅުވިއެވެ. ގަޔާނާއިން ދެކެނީ މިއީ ނުރައްކަލެއްގެ ގޮތުގައި ކަމަށާއި އެ ޤައުމުގެ ސަރަޙައްދު ރައްކާތެރި ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމަށްވެސް އިރުފާން ވިދާޅުވިއެވެ. އަދި މައިގަނޑު ގޮތެއްގައި ތެޔޮ އުފައްދާ ކުންފުނި ހިމެނޭ ގޮތަށް އެ ޤައުމުގެ އިންވެސްޓަރުންނަށް އެ މީހުންގެ ފައިސާގެ ރައްކާތެރިކަމުގެ ޔަގީންކަން ދިނުމަށްވެސް އިރުފާން އަންނަނީ މަސައްކަތްކުރައްވަމުންނެވެ.

އެސްކިއުބޯ ކޯރު ސަރަޙައްދަކީ ވެނުޒެއުލާގެ ބައެއް ކަމަށް އެ ޤައުމުން ދަޢުވާ ކުރާ ސަރަޙައްދެކެވެ. 1899 ވަނަ އަހަރު 159،500 އަކަމީޓަރުގެ އެސްކިއުބޯ ސަރަޙައްދު އިނގިރޭސިވިލާތަށް ދިނުމަށް ނިންމި ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް ވެނެޒުއޭލާއިން އަބަދުވެސް އަންނަނީ ބުނަމުންނެވެ. އެ މައްސަލަ މިހާރު އޮތީ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅައިފައެވެ. ނަމަވެސް ވެނެޒުއެލާއިން ބުނަނީ އެ ކޯޓަށް ޙުކުމް ކުރުމުގެ ބާރެއް ނެތް ކަމަށެވެ. އެސްކިއުބޯގެ އެއްވެސް ކަމަކަށް ބަދަލު އަތުވެދާނެ އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވެނެޒުއެލާއަށް ކޯޓުން ވަނީ އިންޒާރުދީފައެވެ.

އެސްކިއުބޯ އަކީ ގަޔާނާގެ ބާރުގެ ދަށުގައި ގަރުނަކަށް ވުރެ ގިނަ ދުވަސް ވަންދެން އޮތް ސަރަޙައްދެކެވެ. އެސްކިއުބޯގެ ކަނޑުގެ އައްސޭރިފަށު ސަރަޙައްދުން 2015 ވަނަ އަހަރު ތެޔޮ ފެނުމުން އުފެދިފައިވާ މައްސަލަ އިތުރަށް ގޯސްވިއެވެ. އެ ކަނޑުގެ ސަރަޙައްދު ބޭނުންކުރުމަށް ލައިންސެންސް ހޯދުމަށް ގަޔާނާއިން މަސައްކަތްކުރުމުން މި އަހަރުގެ ސެޕްޓެމްބަރު މަހު އެ މައްސަލަ އިތުރަށް ގޯސްވިއެވެ.

ގަޔާނާގެ އިޤްޠިޞާދު ބޮޑަށް ބަރޯސާވެފައި އޮންނަނީ ތެޔޮ އުފެއްދުމާއި އެކްސްޕޯޓުގެ މައްޗަށް ކަމުން ފާއިތުވި އަހަރުތަކުގައި އެ ޤައުމުގެ އިޤްޠިޞާދަކީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އިޤްޠިޞާދަށް ވަނީ ވެފައެވެ.

ވެނެޒުއެލާއިން މިހާރު މަސައްކަތް ކުރަނީ 2018 ވަނަ އަހަރު އެ ޤައުމުގެ ރައީސަކަށް މަދޫރޯ އިންތިޚާބުވުމުން ތެޔޮ ވިއްކުމަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގިނަ އަހަރުތަކެއް ވަންދެން ކުރިމަތިވެފައިވާ އިޤްޠިޞާދީ ދަތިކަމުން އަރައިގަތުމަށެވެ. ވެނެޒުއޭމާއަކީ ދުނިޔޭގައި އެންމެ ގިނައިން ތެޔޮ ހުރި ޤައުމެވެ.