ވިޔަފާރި

އޭދަފުށީގައި މީރާގެ ބްރާންޗެއް ހުޅުއްވައިފި


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން މާޅޮސްމަޑުލު އުތުރުބުރީ އޭދަފުށީގައި އެ އޮތޯރިޓީގެ ބްރާންޗެއް ހުޅުއްވައިފިއެވެ.

މީރާއިން ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެއޮތޯރިޓީގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންވެސް މީރާގެ ޚިދުމަތްތައް ވީހާވެސް ފަސޭހަކަމާއެކު ލިބޭނެ މަގު ރައްޔިތުންނަށް ތަނަވަސްކޮށްދެއްވުން ކަމަށެވެ. އެގޮތުން މާލޭގެ ބްރާންޗުން ލިބެން ހުންނަ ހުރިހާ ޚިދުމަތައް ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންވެސް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް އެއޮތޯރިޓީގެ ސެންޓަރުތައް ޤާއިމްކުރެއްވުމަށް ކުރިޔަށް ގެންދަވާ މަސައްކަތުގެ ދަށުން ބ.އޭދަފުށީގައި ހުޅުއްވި މީރާގެ ބްރާންޗުންވެސް މީރާގެ މާލޭ އޮފީހުން ލިބެން ހުންނަ ހުރިހާ ޚިދުމަތްތަކެއް މިހާރު ލިބެން ހުންނާނެކަމަށެވެ.

މީރާއިން ބ.އޭދަފުށީ ބްރާންޗުގެ ޚިދުމަތް ރަސްމީގޮތުން އިއްޔެ ފެއްޓެވި ނަމަވެސް ފާއިތުވެދިޔަ ޑިސެންބަރުމަހުން ފެށިގެން އެތަނުން ބައެއް ފީތައް ބަލައިގަންނަމުންދާ ކަމަށާއި، ރަސްމީކޮށް އެ ބްރާންޗް ހުޅުއްވުމުން މީރާގެ މައި އޮފީހުގައި ދޭ ހުރިހާ ޚިދުމަތެއް ލިބޭނެކަމަށެވެ. އެގޮތުން ވިޔަފާރިތައް ޓެކުހަށް ރަޖިސްޓްރީކުރުމާއި މުދަލާއި ޚިދުމަތުގެ އަގުން ނަގަމުންދާ ޓެކްސް ޖީއެސްޓީއާއި، ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ނުވަތަ ބީޕީޓީ ބަޔާން ބަލައިގަތުމާއި ޓެކުހުގެ ފައިސާއާއި ދައުލަތަށް ދައްކަންޖެހޭ އިތުރު ފީތައް ބަލައިގަތުމާއި، ޓެކުހާބެހޭ މަޢުލޫމާތު އާންމުންނަށް ދިނުމުގެ މަސައްކަތްވެސް ކުރައްވާނެކަމަށް  ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއިން މަޢުލޫމާތުދެއްވައެވެ.

މީރާގެ އޭދަފުށީ ބްރާންޗު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ޢަބްދުﷲ ޖިހާދެވެ. މީރާއިން މިހާތަނަށް ވަނީ 4 ބްރާންޗެއް ހުޅުވާފައެވެ. އަދި 3 ރަށެއްގައި މީރާގެ ކަލެކްޝަން ސެންޓަރުތައްވެސް ޤާއިމްކޮށްފައިވެއެވެ.