ޚަބަރު

މަސްވެރިކަމުގެ ސިނާޢަތް ފަތުރުވެރިކަމުގެ ސިނާޢަތާއި އެއްސަފެއްގައި ވާދަކުރާނެ


  • އެންމެން ވިސްނަނީ ރާއްޖޭގެ ބިމުގެ ސަތަޙައިގެ %1އާއި ކަނޑުގެ %99އަކީ ގޮންޖެހުމެއްކަމަށް

  • އެއީ އަތްނުލާ އޮތް %99 ފުރުސަތުކަމަށް ގިނަ ބަޔަކު ނުދެކޭ

  • މިވަޞީލަތާއެކު ރާއްޖޭގެ 1 ވަނަ ސިނާޢަތަކަށް މަސްވެރިކަމުގެ ސިނާޢަތް ހެދޭނެ

  • ދިރާސާކުރުމާއި، ޢާމްދަނީ ހޯދުމާއި، ޓެކްނޮލޮޖީގެ ދާއިރާފުޅާކުރުމަށްވެސް ކަނޑުގެ މާޙައުލުގައި ފުރުސަތު އެބަހުރި

ކުރިއަށް އޮތް އަހަރުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާއި، އެއްހަމައެއްގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ފައިހަމަކޮށް ވާދަކުރާނެ ދުވަސްތަކެއްކަމުގައި މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާއި ގުޅޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަމްޒަތު އަޙްމަދު ވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ ދުވަހާއި ގުޅިގެން ސްކޫލް ކުދިންނަށް އެދާއިރާގައި ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ސެޝަންތައް ފައްޓަވާ ދެއްވާ ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާއި ގުޅޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަމްޒަތު އަޙްމަދު ވިދާޅުވީ، އަބަދުވެސް އަޑުއިވެނީ ރާއްޖޭގެ ވަޞީލަތް މަދު ވާހަކަތައްކަމަށެވެ. އެގޮތުން ރާއްޖޭގެ ބިމުގެ ސަތަޙައިގެ އެންމެ އިންސައްތައެއް އޮންނައިރު 99 އިންސައްތަ ކަނޑުގެ ސަރަޙައްދުގެ ގޮތުގައި އޮތް އޮތުމަކީ ފަހި ފުރުސަތުތަކެއް އެކަމުގައި ހުރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ނުވިސްނާކަމަށާއި އެއީ އިޤްތިޞާދަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި މީގެކުރިން ދެކޭކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިއަދުގެ ކިޔަވާކުދިން އެއީ އަތްނުލާހުރި ގިނަ ގުނަ ފުރުސަތުތަކެއްގެ ގޮތުގައި ދުށުމަށް ސްޓޭޓް މިނިސްޓަރވަނީ ދަރިވަރުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

އެހެންކަމުން ކުރިއަށްއޮތް ދުވަސްތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާއި އެއްސަފެއްގައި ދިވެހި މަސްވެރިކަމުގެ ސިނާޢަތް ވާދަކުރާނެ ދުވަސްތަކަކަށްވާނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އެންމެ އިންސައްތައެއްގައި ފަތުރުވެރިކަން އެހާ ބޮޑަށް ކުރިއެރުވޭނަމަ، 99 އިންސައްތަ ކަނޑުގެ ވަޞީލަތާއެކު މަސްވެރިކަމުގެ ސިނާޢަތް ރާއްޖޭގެ އެއްވަނަ ސިނާޢަތަށް ހެދޭނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"އެއްވެސް މީހަކު ވިސްނަން މަސައްކަތްނުކުރޭ، ދިވެހިންގެ އަތުގައި އަތްނުލާ އޮތް 99 އިންސައްތަ ކަނޑުގެ ވަޞީލަތް އޮތްކަމެއް. އެކަމަށް މީހުން ބިނާކުރަންވީ. ޢާމްދަނީ ހޯދޭނެ ވަރަށް ގިނަ ވަޞީލަތް ކަނޑުތަކުގައިވޭ. ރާއްޖޭގެ ކަނޑުއަޑީގައި ހުރި މަޢުދަންތަކެއް ނޭނގޭ. ދިރާސާ ކުރެވޭނެ ދާއިރާއެއް، ޓެކްނޮލޮޖީގެ ގޮތުން ކުރިއެރުވޭނެ ދާއިރާއެއް މިއީ." ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރުމަށް އެކި ޙަރަކާތްތަކެއް ހިނގުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. މިގޮތުން މަސްވެރިކަމުގެ ދާއިރާއާއި ގުޅޭގޮތުން ސްކޫލް ކުދިންނަށް މަޢުލޫމާތު ދިނުމަށް ޑިސެމްބަރު 4 އަކުން ފެށިގެން މިމަހުގެ 7 ވަނަ ދުވަހާއި ހަމައަށް ޖަމާލުއްދީން ސްކޫލްގައި ސެޝަންތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިސެޝަންތަކުގައި މަސްވެރިކަމުގެ ސިނާޢަތުގައި މަތީ ތަޢުލީމު ޙާސިލުކުރުމަށް ހުރި ފުރުސަތުތަކާއި، ވަޒީފާގެ ގޮތުގައި ހުރި ފުރުސަތުތަކާއި ޢާމްދަނީ ހޯދުމަށް ހުރި ފަހި ފުރުސަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ. މިސެޝަންތަކުގައި މަޢުލޫމާތު ދެއްވަނީ މަސްވެރިކަމުގެ ވުޒާރާގެ ބޭފުޅުންނެވެ.