ޚަބަރު

އެންޓި ކޮރަޕްޝަން އެކެޑެމީއެއް އުފައްދަނީ


  • މިއީ ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ ކަންކަމާއި ގުޅޭ ތަމްރީނު ދިނުމަށް އުފައްދާ ތަނެއް

  • ފުރަތަމަ ކިޔަވާދޭނީ ސެޓްފިކެޓް ލެވެލް 4 އިން ޑިޕްލޮމާ އާއި ހަމައަށް

  • ކުރިއަށް އޮތްތާގައި މާސްޓަރސް ފެންވަރަށް ވެސް ކިޔަވާދެވޭނެ

ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ތަމްރީނުތައް ދިނުމަށް އެންޓި ކޮރަޕްޝަން އެކެޑެމީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވިދާޅުވީ މި އެކެޑެމީގެ މަޤްސަދަކީ ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ގުޅިލާމެހޭނެހެން ތަޢުލީމާއި ތަމްރީނު ދިނުން ކަމަށެވެ. އަދި މިދާއިރާ އާއި ގުޅޭ ދިރާސާތައް ކުރުމާއި، މުޖުތަމަޢު ތެރޭގައި ހޭލުންތެރިކަން އުފެއްދުމަކީ ވެސް، އެ އެކެޑެމީ އުފެއްދުމުގެ ބޭނުމެއް ކަމަށް އޭސީސީން ވިދާޅުވިއެވެ.

އޭސީސީން ވިދާޅުވީ ރަސްމީ ގޮތެއްގައި މިއެކެޑެމީ ތަޢާރަފްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު، ބައިނަލްއަޤުވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ކަމަށެވެ. އަދި މިހާރު ކުރެވެމުންދަނީ ކޯސްތައް ފަރުމާ ކުރުމާއި، އެކްރެޑިޓޭޝަނަށް ފޮނުވުމުގެ މަސައްކަތް ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

އޭސީސީން ވިދާޅުވީ އެކެޑެމީ ފަށާއިރު، ކިޔަވާ ދިނުމަށް ހަމަޖެހިފައިވަނީ ސެޓްފިކެޓް ލެވެލް 4ގެ ކޯސްތަކާއި، ޑިޕްލޮމާ ލެވެލްގެ ކޯސްތައްކަމަށެވެ. އަދި މުސްތަޤުބަލުގައި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން ފެށިގެންގޮސް މާސްޓަރސް ލެވެލް އާއި ހަމައަށް ކިޔަވާދެވޭނެ ކަމަށް ވެސް އޭސީސީން ވިދާޅުވެއެވެ.

މިއީ ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ތަމްރީނު ދިނުމަށް ހާއްސަކުރެވިގެން ރާއްޖޭގައި އެކެޑެމީއެއް އުފެއްދޭ ފުރަތަމަ ފަހަރެވެ.