ހަނގުރާމައިގެ ޙާލަތުގައި އޮތް ސޫރިޔާއަށް ބޭނުންވާ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުން އަންނަ ޖެނުއަރީ މަހު ހުއްޓާލާނެ ކަމަށް އދގެ ކާބޯތަކެއްޗާއިބެހޭ ޕްރޮގްރާމް (ޑަބްލިޔުއެފްޕީ)ން ބުނެފިއެވެ. ސޫރިއާގެ 12 މިލިއަނަށްވުރެ ގިނަ މީހުންނަށް މިހާރުވެސް އެކަށީގެންވާ ކާނާއެއް ނުލިބެއެވެ.
އެހީތެރިކަން ފޯރުކޮށްދިނުން ނިމުމަކަށް ގެނައި ނަމަވެސް، ސްކޫލް ކުދިންގެ ނާސްތާ ޕްރޮގްރާމާއި ބޭކަރީތައް ހިންގުންފަދަ އެހީ ބޭނުންވާ ކަންކަން ކުރެވޭނެ ކަމަށް ޑަބްލިޔުއެފްޕީން ބުނެއެވެ. އެހީ ދޭ މިންވަރު މަދުކުރަން ޖެހުނީ ބަޖެޓުގެ ދަތިކަމާއި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް މަދުވުމުން ކަމަށް އެ އިދާރާއިން ބުނެއެވެ. އެ ގޮތުން ބަޖެޓުގެ ދަތިކަން ކުރިމަތިވެ، ސޫރިޔާގެ ގާތްގަޑަކަށް 5.5 މިލިއަން މީހުންނަށް ދޭ އެހީ ކުޑަކުރަން ޖެހިފައިވާ ކަމަށް ޑަބްލިޔުއެފްޕީން މިދިޔަ ޖުލައި މަހު ބުނެފައިވެއެވެ.
ކާބޯތަކެތީގެ އެހީ ސޫރިޔާއަށް ފޯރުކޮށްދޭތާ 13 އަހަރުވެފައިވާ ޑަބްލިޔުއެފްޕީން ފާއިތުވި އަހަރުތަކުގައި ވަނީ ސޫރިޔާއާއި ހަނގުރާމައިން ފިލައިގެން ދިޔަ އެތައް މިލިއަން ސޫރިޔާ މީހުން ދިރިއުޅޭ އަވަށްޓެރި ޤައުމުތަކަށް ދޭ އެހީ ދޭ މިންވަރު މަދުކޮށްފައެވެ.
އޭގެ މަހެއްހާ ދުވަސް ފަހުން އެ އިދާރާއިން ވަނީ އުރުދުންގައި ތިބި ސޫރިޔާގެ ރެފިއުޖީންނަށް ދޭ ފައިސާގެ އެހީ މަދުކޮށްފައެވެ. ލުބުނާނުގައި ތިބި ސޫރިޔާގެ ރެފިއުޖީންނަށް ދޭ ފައިސާގެ އެހީ ތިންބައިކުޅަ އެއްބަޔަށް މަދުކުރާނެ ކަމަށްވެސް މިދިޔަ ނޮވެމްބަރު މަހު ޑަބްލިޔުއެފްޕީއާއި އދގެ ރެފިއުޖީ އެޖެންސީން ބުނެފައިވެއެވެ.
ޑަބްލިއުއެފްޕީން އެންމެ ފަހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ކާބޯތަކެތި ލިބުން ކުރިއަށްވުރެ ދަތިވެފައިވާ ކަމަށާއި އެކަމުގެ އަސަރު އެތައް މިލިއަން ބަޔަކަށް ކުރާނެ ކަމަށެވެ. ޑަބްލިޔުއެފްޕީއިން ހިންގާ ޕްރޮގްރާމްގެ ފައިދާ ސޫރިއާގެ 3.2 މިލިއަން މީހުންނަށް ކޮށްފައިވާ ކަމަށްވެސް އެ އިދާރާއިން އެންމެ ފަހުން ސެޕްޓެމްބަރު މަހު ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ.
2011 ވަނަ އަހަރު ސޫރިއާގައި ހިންގި ގަތުލުއާންމު ދާޚިލީ ހަނގުރާމައަކަށް ބަދަލުވުމަށް ފަހު އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ބޮޑެތި އެހެން އިދާރާތަކެކޭ އެއްފަދައިން ޑަބްލިއުއެފްޕީންއިން ވެސް އަންނަނީ އެ ޤައުމުގައި ތިބި ސޫރިޔާ މީހުންނާއި ލުބުނާނާއި ތުރުކީވިލާތް، އުރުދުން އަދި އިރާޤަށް ފިލައިގެން ދިޔަ ސޫރިޔާ މީހުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ސޫރިޔާއަށް އެހީތެރިކަން ދިނުމަށް،ކަނޑައަޅާފައިވާ ބަޖެޓްގެ ދަތިކަން ކުރިމަތިވެފައި ވަނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް މަދުވުމާއި، ކޯވިޑުގެ ބަލިމަޑުކަން އަދި ރަޝިޔާ ޔުކްރެއިން ހަނގުރާމައި ސަބަބުން ކަމަށް ޑަބްލިޔުއެފްޕީ އިން ބުނެއެވެ. މީގެ އިތުރުން ޔަހޫދީ އަސްކަރިއްޔާއާއި ފަލަސްޠީނުގެ ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ކުރަމުންދާ ހަނގުރާމައިގައި ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގާ ލާއިންސާނީ ޖަރީމާތަކުގައި ނިކަމެތިވެފައިވާ ފަލަސްޠީނުގެ އާންމުންނަށް ބޭނުންވާ އެހީތެރިކަން އިތުރުވެފައިވާކަންވެސް ޑަބްލިޔުއެފްޕީ އިން ފާހަގަކުރެއެވެ.