ޒަޔަނިސްޓު އިސްރާޢީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ މައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުންތައް އަލުން ފަށަން ނިންމައިފިއެވެ. އެތަކެއް އަހަރަކަށް ދިގުލައިގެން ގޮސްފައިވާ މި ޝަރީއަތުގެ އަޑުއެހުންތައް މެދުކަނޑައިލާފައި ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އޮކްޓޫބަރު 7 ވަނަ ދުވަހު އިސްރާޢީލާ ދެކޮޅަށް ދިން ވަރުގަދަ ހަމަލަތަކާ ގުޅިގެންނެވެ.
އަޑުއެހުންތައް ހުއްޓުވާފައި ވަނީ ނަތަންޔާހޫގެ ސަރުކާރުގެ ޖަސްޓިސް މިނިސްޓަރުގެ އެންގުމެއްގެ ދަށުންނެވެ. ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ތެރޭގައި ޚިޔާނާތާއި ރިޝްވަތު ހިފުން ހިމެނެއެވެ. އޭނާގެ މައްޗަށް ތިން ދަޢުވާއެއް އުފުލާފައިވާއިރު، އެ މައްސަލަތައް ކޯޓަށް ވައްދާފައި ވަނީ 2019 ވަނަ އަހަރުއެވެ. އަދި، ޝަރީއަތް ފަށާފައި ވަނީ 2020 ވަނަ އަހަރުގެ މޭ މަހުއެވެ. ނަމަވެސް، އެކި ސަބަބުތަކާ ގުޅިގެން މި މައްސަލަތަކުގެ ޝަރީއަތް ވަނީ ދިގުލައިގެން ގޮސްފައެވެ.
މި މައްސަލަތަކުގެ ތެރޭގައި ހިމެނޭ 'ކޭސް 1000'ގެ ނަން ދީފައިވާ މައްސަލައަކީ ރިޝްވަތުގެ ގޮތުގައި ލިބިފައިވާ މުދަލުގައި ހިފުމާ ގުޅިގެން ކޮށްފައިވާ ދަޢުވާއެކެވެ. މި މައްސަލައިގައި ނަތަންޔާހޫގެ އިތުރުން އޭނާގެ އަންހެނުން ސާރާއާ ދެކޮޅަށް ވެސް ވަނީ ދަޢުވާ ކޮށްފައެވެ. އެ ދެ މީހުންނަށް ރިޝްވަތު ހުށަހަޅާފައި ވަނީ ހޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރެއް ކަމުގައިވާ އަރނަން މިލްކަންގެ އިތުރުން އޮސްޓްރޭލިޔާގެ ބިލިޔަނަރެއް ކަމުގައިވާ ޖޭމްސް ޕެކަރ ކަމުގައި ތުހުމަތު ކުރެވެއެވެ.
މި ދަޢުވާތައް ސާބިތުވެއްޖެ ނަމަ، ނަތަންޔާހޫއާއި އޭނާގެ އަންހެނުންގެ މައްޗަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވޭނެއެވެ. އަދި، އަނެއް ދެ މައްސަލަ ސާބިތުވެއްޖެ ނަމަ، ކޮންމެ މައްސަލައަކަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވޭނެއެވެ. ނަމަވެސް، މި ދަޢުވާތަކުން ބަރިއްޔަވާން ނަތަންޔާހޫ ގެންދަނީ މަސައްކަތް ކުރަމުންނެވެ.
އެ ގޮތުން އޭނާ ބޭނުން ކުރަން މަސައްކަތް ކުރަމުންދާ އެއް އުކުޅަކީ، ޤާނޫނު ހަދާ މަޖިލީހުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން އިސްރާޢީލުގެ ޝަރުޢީ ނިޒާމު އިސްލާޙުކޮށް، ކޯޓުތަކުގެ ބާރު ކަނޑުވައިލުމެވެ. މި ކަމާ ދެކޮޅަށް ތެދުވެ، އިސްރާޢީލުގެ ޢާންމު ރައްޔިތުންގެ ތެރެއިން އެތަކެއް ސަތޭކަ ހާސް ބަޔަކު ވަނީ މަގުތަކަށް ނިކުމެ އަޑުއުފުލައި، މުޒާހަރާ ކޮށްފައެވެ. މި މުޒާހަރާތަކަށް މެދުކަނޑައިލާފައި ވަނީ، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ އުދުވާންތައް ފެށުމާ އެކުގައެވެ.