ޚަބަރު

ޣައްޒާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 16,000އަށް


ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި މިހާތަނަށް ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 15,899 އަށް އަަަރައިފިއެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ޔަހޫދީންގެ ޝިކާރައަކަށްވެ ޝަހީދުވެފައިވާ މީހުންގެ ތެރެއިން 70 އިންސައްތައަކީ މައުސޫމު ކުޑަކުދިންނާއި އަންހެނުން ކަމުގައެވެ. މި އުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 42,000 އަށް އަރާފައެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީން ފެށި އުދުވާނުގައި ޣައްޒާގެ މުސްލިމުން ދިރިއުޅޭ ގެދޮރުގެ ބޮޑު އިންސައްތައެއް ސުންނާފަތި ކޮށްލާފައިވާއިރު، އެ ޢިމާރާތްތަކުގެ ދަށުގައި 6,000 އެއްހާ މީހުންގެ ހަށިގަނޑު ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ވިދާޅުވެއެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 6,500 އަށްވުރެ ގިނަ ކުޑަކުދިން ވެސް ހިމެނެއެވެ. ބައެއް ފަރާތްތަކުން ސިފަ ކުރަމުންދާ ގޮތުގައި، ޣައްޒާއަކީ މިިހާރު ކުޑަކުދިންގެ ހަށިތައް ވަޅުލާފައިވާ ގަބުރުސްތާނެކެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ފަށާފައިވާ އުދުވާން އިތުރަށް ފުޅާ ކުރަން އެ މީހުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުން މިހާރު ވަނީ ބަރުހަތިޔާރާ އެކު ޣައްޒާގެ ދެކުނުގެ ސަރަޙައްދުތަކަށް ވެސް އަރާފައެވެ. މަންޒަރު ފެނުނު މީހުން ބުނީ، ޣައްޒާގެ ދެކުނުގައި އޮންނަ ޚާނީޔޫނުސާ ދިމާލަށް ޔަހޫދީންގެ އަސްކަރީ ޓޭންކުފަހަރު ދަތުރު ކުރަމުންދާ ކަމުގައެވެ. އެ ސަރަޙައްދަށް އިތުރު ބަރުހަތިޔާރާއި ބުލްޑޯޒަރުތައް ފޮނުވަން ވެސް ޔަހޫދީން ދަނީ މަސައްކަތް ކުރަމުންނެވެ.

އެއްގަމު މަގުން ޣައްޒާގެ ދެކުނަށް ޔަހޫދީ ފައުޖުން އެރުމާ އެކު އެ ސަހަރުގައި ދަތުރު ކުރަން އޮންނަ މައި މަގު ކަމުގައިވާ ޞަލާހުއްދީން މަގު ބޭނުން ކުރުމަށް މުސްލިމުންނަށް މި ވަނީ ހުރަސް އެޅިފައެވެ. ސަބަބަކީ، ޔަހޫދީ ފައުޖުގެ ސިފައިންގެ ލޮލުކޮޅަށް ފެންނަ ކޮންމެ މީހަކަށް އަމާޒުކޮށް އެ މީހުން ބަރުހަތިޔާރު ބޭނުން ކޮށްގެން ހަމަލަދެމުން ދިޔުމެވެ. އެއީ، ކުޑަކުއްޖެއްތޯ، އަންހެނެއްތޯ، ނުވަތަ އުމުރުން ދުވަސްވީ މީހެއްތޯ ބެލުމެއް ނެތިއެވެ. މިއާއެކު، ޣައްޒާގެ އުތުރާއި، އިރުމަތީގެ އިތުރުން ދެކުނުގެ ސަރަޙައްދުތައް ވެސް މި ވަނީ ނުރައްކަލާއި ބިރުވެރިކަމުން ފުރިފައެވެ.

އިންސާނީ އެހީއާ ބެހޭ އ.ދގެ އިދާރާއިން ބުނީ ޔަހޫދީންގެ އުދުވާނުގައި ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން 1.8 މިލިޔަން މީހުންގެ ގެދޮރު ސުންނާފަތި ކޮށްލާފައިވާ ކަމުގައެވެ. އެއީ، ޣައްޒާގެ އާބާދީގެ 75 އިންސައްތައެވެ. އެ މީހުން ވަންނާނެ ތަނެއް، ރައްކާތެރި ކަން ހޯދާނެ ގޮތެއް މިހާރަކު ނެތެވެ. އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކަށް ހިޔާވަހިކަމާއި ރައްކާތެރި ކަން ފޯރުކޮށްދޭން އ.ދއިން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ޔަހޫދީން ދަނީ އ.ދއިން ހިންގާ ސްކޫލްތަކާއި އެހެން ޢިމާރާތްތަކަށް ވެސް އެ މީހުންގެ ރަޙުމު ކުޑަ ހަމަލަތައް އަމާޒު ކުރަމުންނެވެ.