ޚަބަރު

"ޢައްޒާ މި ވަގުތު އޮތީ އިންސާނުންނަށް ކެތްކުރެވޭ ފަދަ ހާލަތެއްގައެއް ނޫން"


ޣައްޒާ މި ވަގުތު އޮތީ އިންސާނުންނަށް ކެތްކުރެވޭ ފަދަ ހާލަތެެއްގައި ނޫން ކަމަށް ވިދާޅުވެ، އެ ސަހަރުގައި ދިރިއުޅޭ ޢާންމު ރައްޔިތުންގެ ފުރާނަ ރައްކާތެރި ކޮށްދިނުމަށް އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދި ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީޒް (އައި.ސީ.އާރް.ސީ)ގެ އިސްވެރިޔާ މިރިޔަނާ ޝްޕޮލްޔަރިޗް ގޮވައިލައްވައިފިއެވެ. އޭނާ މި ކަމަށް ގޮވައިލައްވާފައި ވަނީ ޣައްޒާގެ މުސްލިމުން ދިރިއުޅުންދާ ނިކަމެތި ހާލާއި، އެ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތްތައް ވަޒަން ކުރެއްވުމަށް ޣައްޒާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ޣައްޒާގެ މުސްލިމުން ރައްކާތެރިކަން ހޯދަން ވަންނާނެ އެއްވެސް ތަނެއް، ޢިިމާރާތެއް ނެތް. މިއީ، ބަލައިގަނެވޭނެ ކަމެއް ނޫން. [ޔަހޫދީންގެ] އަސްކަރީ އޮޕަރޭޝަނުގެ ސަބަބުން އެ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް ވެސް ނެތް،" އެކްސް (ކުރީގައި ޓްވިޓަރ)ގައި ޝާޢިއު ކުރެއްވި ޕޯސްޓެއްގައި ޝްޕޮލްޔަރިޗް ވިދާޅުވިއެވެ.

އޭނާ ޣައްޒާއަށް ވަޑައިގަންނަވާފައި މި ވަނީ ރެޑް ކްރޮސްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ. ޒަޔަނިސްޓު އިސްރާޢީލުން ބުނީ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުންގެ ހާލަތު ބެލުމަށް ރެޑް ކްރޮސްއިން މަސައްކަތް ކުރަމުން ނުދާ ކަމުގައެވެ. އަދި، ޙަމާސް ޖަމާޢަތުން ބުނަމުން ދަނީ، ޔަހޫދީންގެ ހައްޔަރުގައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ހާލަތު ވަޒަން ކުރަން ރެޑް ކްރޮސްއިން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމުގައެވެ.

މި ތުހުމަތުތަކަށް ރައްދު ދެއްވަމުން ޝްޕޮލްޔަރިޗް ވިދާޅުވީ، ދެ ފަރާތުން ވެސް ހައްޔަރު ކޮށްފައިވާ ހުރިހާ މީހުންގެ އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށް އަމަލުތައް ބައްޓަން ކުރަން ޖެހޭނެ ކަމުގައެވެ. އަދި، އަސީރުންގެ ގޮތުގައި ތިބި މީހުންގެ އިންސާނީ ހައްޤުތައް ކަށަވަރު ކޮށްދޭން ޖެހޭނެ ކަމުގައެވެ. ނަމަވެސް، ޔަހޫދީންގެ ހައްޔަރުގައި ތިބި ފަލަސްޠީނުގެ އަންހެނުންނާއި މައުސޫމު ކުޑަކުދިންނަށް ލާއިންސާނީ އަދަބުތައް ދެމުންދާ ކަން މުޅި ދުނިޔެ ވެސް ދަނެއެވެ.

ޝްޕޮލްޔަރިޗް ޣައްޒާއަށް ވަޑައިގަންނަވާފައި މި ވަނީ، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ އުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ޤަޠަރުގައި ކުރަމުން ދިޔަ މަޝްވަރާތައް ފޭލުވެފައިވާ ދަނޑިވަޅެއްގައެވެ. އިސްވެ އެ މަޝްވަރާތައް ހުއްޓައިލާފައި ވަނީ ޔަހޫދީންނެވެ. އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ އުދުވާނުގައި ޣައްޒާއަށް 10,000 ފަހަރު ބޮން އަޅާފައިވެއެވެ. މި ހަމަލަތައް އަމާޒު ކޮށްފައި ވަނީ މުސްލިމުންގެ ގެދޮރާއި، ހޮސްޕިޓަލްތަކާއި ސްކޫލްތަކަށެވެ. އަދި، އެމްބިޔުލާންސްތަކަށް ވެސް ހަމަލަތައް އަމާޒުކޮށް، ގިނަ ޢަދަދެއްގެ ޞިއްޙީ ޚިދުމަތްތެރިން ވެސް ޝަހީދު ކޮށްލާފައިވެއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީން ފެށި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 15,899 އަށް އަރާފައެވެ. އޭގެ ތެރޭގައި 6,500 އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ވެސް ހިމެނެއެވެ. އަދި، ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި 6,000 އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ވިދާޅުވެއެވެ. މި އުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,000 އަށް އަރާފައެވެ.