ޚަބަރު

އައްޑޫ ސިޓީގެ 2 މާރާމާރީއާއި ގުޅިގެން އިތުރު 2 މީހަކު ހައްޔަރުކޮށްފި


  • މި 2 މާރާމާރީއާއި ގުޅިގެން މިހާތަނަށް 6 މީހަކު ވަނީ ހައްޔަރުކޮށްފައި

  • މި 2 މާރާމާރީވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުން

އައްޑޫ ސިޓީގައި ހިންގި 2 މާރީއާ ގުޅިގެން އިތުރު 2 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މިމަހުގެ 3 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫގައި 2 ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއާ ގުޅިގެން 22 އަހަރުގެ ފިރިހެނަކު ފުލުހުންވަނީ މިއަދު ހައްޔަރުކޮށްފައެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މިމާރާމާރީގައި ތޫނުއެއްޗަކުން ޙަމަލާދީ ޒަޚަމުކޮށްލާފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. ޒަޚަމްވި ޒުވާނާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.

އައްޑޫސިޓީގައި މިދިޔަ ހުކުރު ދުވަހު ހިނގާދިޔަ ނުރައްކާތެރި މާރާމާރިއާއި ގުޅިގެން،ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންވަނީ މިއަދު މީހަކު ހައްޔަރުކޮށްފައެވެ. މިމާރާމާރީއާ ގުޅިގެން މިއަދު ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިމާރާމާރީގައި އަނިޔާލިބުނު މީހާގެ ހާލު ސީރިއަސްކަމަށް ފުލުހުން ވަނީ ޙާމަކޮށްފައެވެ. އޭނާ އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗް އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ.

މިމައްސަލައާ ގުޅިގެން މީގެ ކުރިންވަނީ ކޯޓު އަމުރެއްގެ ދަށުން 4 މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 18އ، 19އ، 20އ، އަދި 23 އަހަރުގެ މީހުންނެވެ. މިއެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މިއާއެކު މިދެ މާރާމާރީއާ ގުޅިގެން 6 މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.