ޚަބަރު

ޕީއެސްއެމްގެ މަޖައްލާ މާލްދީބްގެ ވެބްސައިޓު ލޯންޗުކޮށްފި


ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްގެ މަޖައްލާ މާލްދީބްގެ ވެބްސައިޓު ލޯންޗުކޮށްފިއެވެ.

މާލްދީބް ވެބްސައިޓު ލޯންޗުކޮށްދެއްވީ، ޓީވީއެމްގެ 38 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ހަފްލާގައި ޕަބްލިކް ސަރވިސް މީޑިޔާގެ ޗެއާރަމަން އިބްރާހީމް އުމަރު މަނިކެވެ.

މަލްދީބުގެ ނަމުގައި ޕީއެސްއިމް މިހާރުވެސް ދަނީ ހަފްތާ މަޖައްލާއެއް ނެރެމުންނެވެ. މިހާތަނަށް މި މަޖައްލާގެ 20 އަދަދު ނެރެފައިވާއިރު، މި މެގަޒިން ސަރުކާރުގެ އޮފީސްތަކާއި ވުޒާރާތަކަށް ބަހަމުންދަނީ އެއްވެސް އަގަކާނުލާ މުޅިން ހިލޭއެވެ.

ޓީވީއެމްގެ 38 ވަނަ އަހަރީ ދުވަސް ފާހަގަކުރެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ، ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނަކީ މަތީ ތަޢުލީމް ހާސިލްކުރައްވައިގެން ތިބި ބަޔަކަށް ހެއްދެވުމުގެ ގޮތުން ޕީއެސްއެމްއިން ކޮންމެ އަހަރަކު 5 މުވައްޒަފަކަށް މަތީ ތަޢުލީމަށް ކިޔެވުމަށް ސްކޮލަރޝިޕް ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. ޚަލީލް ވިދާޅުވީ، ޕީއެސްއެމްގެ މީޑިޔާ އިންސްޓިޓިއުޓްއިން މީޑިޔާގެ އެކި ފަންނުތަކަށް މިހާރުވެސް ސަތޭކައަށްވުރެ ގިނަ ދަރިވަރުން ތަމްރީނުކުރައްވާފައިވާކަމަށެވެ.

ޚަލީލްގެ ވާހަކަފުޅުގައި، ފާއިތުވި އަހަރުތަކުގައި ޓީވީއެމްއަށް އެކަށީގެންވާ ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ޒަމާނާ އެއްގޮތަށް ދެމެހެއްޓެނެވި ބަދަލުތަކެއް އަދިވެސް ގެންނަންޖެހޭ ކަމަށް ވިދާޅުވިއެވެ. އެގޮތުން ޓީވީއެމްގެ ޓެކްނިކަލް ރިސޯސްތަށް ޒަމާނާ އެއްގޮތަށް ބަދަލުކޮށް، އެ ބޭނުންކުރަން ތިބި މުވައްޒަފުންނަކީ އިލްމީ ބަޔަކަށް ހަދާ ތަނުގެ އިންފްރާސްޓްރަކްޗަރ ރަނގަޅު ކުރަންޖެހޭ ކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މެއި މަހުގެ ދިހަވަނަ ދުވަސް ކުޑަކުދިންގެ ބްރޯޑްކާސްޓިންގ ދުވަހެއްގެ ގޮތުގައި ފާހަގަކުރެއްވުމަށް ނިންމެވިކަންވެސް ރޭގެ ހަފްލާގައި ހަލީލް އިއުލާންކުރައްވާފައިވެއެވެ. ޓީވީއެމްގެ ގޯތިތެރޭގައި ކުރިއަށްދިޔަ ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓރަ މުޙައްމަދު އިކްރާމް އަބްދުލް ލަތީފް ދެއްކެވި ވާހަކަފުޅުގައި، ޓީވީއެމްގެ ހަޔާތުން ތިރީސް އަށް އަހަރު ފުރުނު އިރު، އަދިވެސް ރާއްޖޭގެ އެންމެ ގިނަބަޔަކު ބަލައިގަންނަ އަދި އިތުބާރުކުރާ ޓީވީ ސްޓޭޝަނަކީ ޓީވީއެމްކަން ފާހަގަކުރެއްވިއެވެ. އަދި މި ޚިދުމަތް މެދުކެނޑުމެއްނެތި ދެވެމުންދަނީ އެތަށް ބަޔެއްގެ މަސައްކަތުން ކަން އިކްރާމް ފާހަގަކުރެއްވިއެވެ. އިކްރާމްގެ ވާހަކަފުޅުގައި، ޓީވީއެމްއަށް އެކަށީގެންވާ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ޓީވީއެމްގެ 38 ވަނަ އަހަރީ ދުވަހުގެ މުނާސަބުތުގައި ބޭއްވި ޑިނަރ ނައިޓުގައި ވަނީ، އެކި ޑިޕާޓްމަންޓުތަކުން ކުރި މަސައްކަތުގެ އަގުވަޒަންކޮށް އިނާމު ޙަވާލުކޮށްފައެވެ. މީގެ އިތުރުން އެކި ޑިޕާޓްމަންޓުގެ މުވައްޒަފުން ބައިވެރިވެގެން މުނިފޫހިފިލުވައިދިމުގެ އައިޓަމްސްތަށް ވަނީ ހުށަހަޅައިދީފައެވެ.