ޚަބަރު

ތެންޒޭނިއާގައި ފެންބޮޑުވެ 50 މީހުން މަރުވެއްޖެ


އެފްރިކާގެ ޤައުމެއް ކަމަށްވާ ތެންޒޭނިއާގެ އުތުރުގެ މަންޔެރާ ސަރަހައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގާތްގަޑަކަށް 50 މީހުން މަރުވެއްޖެއެވެ. އެ ޙާދިޘާގައި އިތުރު 85 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އެ ޤައުމުގެ ސިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

ބޯކޮށް ވާރޭ ވެހިފައިވަނީ ވެރިރަށް ޑޮޑޯމާގެ އުތުރުން ގާތްގަނޑަކަށް 300 ކިލޯމީޓަރު ދުރުގައި އޮންނަ ކަޓޭޝް ޓައުނަށެވެ. އެ ޙާދިޘާގައި މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ތެންޒޭނިއާއިން ބުނެއެވެ. އެ ސަރަޙައްދުގެ ގިނަ މަގުތައް، ކިސަނޑާއި ފެން އަދި ވެއްޓިފައިވާ ގަސްތަކުގެ ސަބަބުން ވަނީ އެއްކޮށް ބެދިފައެވެ.

ޢަރަބި އެކުވެރި އިމާރާތް (ޔޫއޭއީ)ގައި މިހާރު ކުރިއަށްދާ އދ ގެ މޫސުމާބެހޭ ބައްދަލުވުން (ކޮޕް28) ގައި ބައިވެރިވެވަޑައިގަތުމަށް އެ ޤައުމުގައި މިހާރު ހުންނެވި ތެންޒޭނިއާގެ ރައީސް ސާމިއާ ސުލޫހޫ ޙަސަން ވަނީ އެ ހާދިޘާގައި މަރުވި މީހުންނަށް ތަޢުޒިއާ ފޮނުއްވައިފައެވެ.

ފެންބޮޑުވުމަކީ ތެންޒޭނިއާއަށް ޤުދުރަތީ ގޮތުން ދިމާވާ އެންމެ ބޮޑު ނުރައްކަލެވެ. ފެންބޮޑުވުމުގެ ސަބަބުން ކޮންމެ އަހަރަކު އެ ޤައުމުގެ ދިހަހާސް މީހުންނަށް އެކަމުގެ އަސަރުކުރެއެވެ. ޢާއްމުކޮށް ވާރޭ މިންވަރަށްވުރެ ގިނައިން މިދިޔަ މަހު ތެންޒޭނިއާއަށް ވަނީ ވާރޭ ވެހިފައެވެ. ވާރޭވެހި، ވެރިރަށް ޑާ އެސް ސަލާމް އާއި ކިގޯމާ، ކަގޭރާ، ގޭޓާ އަދި އުނގޫޖާ ސަރަހައްދުތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.

ފެންބޮޑުވުމުގެ ސަބަބުން ފާއިތުވި ހަފްތާތަކުގައި ކެންޔާއާއި ސޮމާލިއާގައި އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެ މިލިއަނެއްހާ މީހުންގެ ގެދޮރު ގެއްލިފައިވެއެވެ. 2020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ސޮމާލިއާއާއި، އިތިއޮޕިއާ އަދި ކެންޔާގެ ބައެއް ސަރަޙައްދުތަކަށް ކުރިމަތިވި ހަނަފަސް ކަމަކީ ވޭތުވެދިޔަ 40 އަހަރު ވެސް އެ ސަރަޙައްދުތަކަށް ކުރިމަތުނުވާފަދަ ބޮޑު ހަނަފަސްކަމެކެވެ.

2019 ވަނަ އަހަރު އިރުމަތީ އެފްރިކާގެ ބައެއް ޤައުމުތަކަށް މެދުކެނޑުމެއް ނެތި ދެ މަސް ދުވަހު ކުރި ވިއްސާރައިގައި މަދުވެގެން 265 މީހުން މަރުވެ ދިހަހާސް މީހުންގެ ގެދޮރު ގެއްލިފައިވެއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޤުދުރަތީ އެކި އެކި ޙާދިޘާތައް ޤައުމުތަކަށް ކުރިމަތިވަމުންދެއެވެ. އެ ކަމަށް ޙައްލެއް ގެނައުމުގެ ގޮތުން އެފްރިކާ ލީޑަރުން އަންނަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ފިޔަވަޅުތަކަށް ފައިސާ ހޯދުމަށް އެހީތެރިވުމަށްޓަކައި އާ ޓެކްސްތައް ތަޢާރަފްކުރުމާއި ބައިނަލްއަޤުވާމީ މާލީ އިދާރާތަކަށް ބަދަލު ގެނައުމަށް ބާރުއަޅަމުންނެވެ.