ޚަބަރު

ޔަހޫދީން ޣައްޒާގައި ހިންގާ ލާއިންސާނީ ޖަރީމާތައް ތަޙްޤީޤު ކުރުމަށް ޤަޠަރުން ގޮވައިލައިފި


ޔަހޫދީން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ބައިނަލްއަޤުވާމީ މިނިވަން ތަޙްޤީޤެއް ކުރުމަށް ޤަޠަރުގެ ބޮޑު ވަޒީރު ޝެއިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލް ޘާނީ ގޮވައިލައްވައިފިއެވެ.

ހަނގުރާމައިގެ ޙަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަކަށް ދިއުމަށް އަނެއްކާވެސް މަސައްކަތްކުރާނެ ކަމަށާއި، ދާޢިމީކޮށް ހަނގުރާމަ ހުއްޓުވުމަށް ކުރާ މަސައްކަތްތައް ޤަޠަރުން ކުރިއަށްގެންދާނެ ކަމަށް ވެސް ޝެއިޚް މުހައްމަދު ވިދާޅުވިއެވެ.

ޔަހޫދީ އަސްކަރިއްޔާއާއި ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ހިނގަމުންދާ ހަނގުރާމައިގައި ޙަމަލާތައް މެދުކަނޑާލުމަށް ދެ ފަރާތުން އެއްބަސްވެފައި ވަނީ ޤަޠަރާއިން މިޞްރު މެދުވެރިވެގެންނެވެ. ޙަމަލާތައް މެދުކަނޑާލާފައި އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފަލަސްޠީނުގެ 240 ޤައިދީން ވަނީ މިނިވަންކޮށްފައެވެ. ބަދަލުގައި ޔަހޫދީންގެ 80 އަސީރުން ދޫކޮށްލިއެވެ. އެ އެއްބަސްވުމުގެ މުއްދަތު މި މަހުގެ އެއްވަނަ ދުވަހު ވަނީ ހަމަވެފައެވެ. އެއްބަސްވުން ނިމުމަކަށް ގެނައުމުގައި ދެ ފަރާތުން ވެސް ޝަރުތުތަކާ ޚިލާފުވެފައިވާ ކަމަށް ވަނީ ތުޙުމަތުކޮށްފައެވެ.

ޙަމަލާތައް މެދުކަނޑާލުމަށް އިތުރު އެއްބަސްވުމަކަށް ދިއުމަށް ޤަޠަރާއެކު ޔަހޫދީން މި މަހުގެ ދެ ވަނަ ދުވަހު ކުރި މަޝްވަރާތަކާ ޔަހޫދީން ދެކޮޅު ހެދުމުން ޙަމަލާތައް މެދުކަނޑާލުމަށް އެއްބަސްވުމަކަށް ދިއުމަށް އޮތް ފުރުޞަތު ވެސް މިހާރު އޮތީ ހަނިވެފައެވެ. ޔަހޫދީންގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ މީހުން މިނިވަންކުރުމާއި ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީން ބަދަލުކުރުމާ ބެހޭ އެއްވެސް މަޝްވަރާއެއް ދެން ނުކުރާނެ ކަމަށް ޙަމާސުން ވަނީ ބުނެފަފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް ދިން ޙަމަލާތަކުގައި 700 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ޣައްޒާގެ ސިއްޙަތާ ބެހޭ ވުޒާރާއިން ބުނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަނގުރާމަ ފެށި ފަހުން ޣައްޒާގައި ފަލަސްޠީނުގެ 15،523 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރެއިން 70 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.