ޚަބަރު

ރަތް ކަނޑުގައި ދަތުރުކުރި ޔަހޫދީންގެ ދެ ބޯޓަކަށް ޙަމަލާ ދީފި


ރަތް ކަނޑުގައި ދަތުރުކުރަމުންދިޔަ ޔަހޫދީންގެ ދެ ބޯޓަކަށް ހަތިޔާރު އެޅި ޑްރޯނަކާއި ކަނޑުގެ ސިފައިންގެ މިސައިލަކުން ޙަމަލާތައް އަމާޒުކޮށްފައިވާ ކަމަށް ޔަމަނުގައި ޙަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތެއް ކަމަށްވާ ހޫޘީން ބުނެފިއެވެ. ހޫޘީން ބުނީ ޔުނިޓީ އެކްސްޕްލޯރަރ އާއި ނަމްބަރ ނައިން ކިޔާ ދެ ބޯޓަށް ޙަމަލާތައް އަމާޒުކޮށްފައި ވަނީ އެ ޖަމާޢަތުގެ ކަނޑުގެ ސިފައިންގެ އިންޒާރުތަކާ އެ ދެ ބޯޓުން ދެކޮޅު ހެދުމުންނެވެ.

ކަނޑުގެ ސަލާމަތާ ބެހޭ އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ އެމްބްރޭ ބުނިގޮތުގައި ބަލްކް ކެރިއާ ބޯޓެއް ރަތް ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް މަދުވެގެން ދެ ޑްރޯން ޙަމަލާ އެ ބޯޓަށް އަމާޒުވެފައިވެއެވެ. އަދި ޔަމަނުގެ އުތުރުގެ ބަނދަރު ހުދައިދާގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 101 ކިލޯމީޓަރު ދުރުގައި އޮތް އިތުރު ކޮންޓެއިނަރ ބޯޓަކަށްވެސް ޑްރޯން ޙަމަލާއެއް ވަނީ އަމާޒުވެފައެވެ.

ރަތް ކަނޑުގައި ހަރަކާތްތެރިވި އެމެރިކާގެ ހަނގުރާމަމަތީ މަނަވަރަކާއި އެތައް ވިޔަފާރި ބޯޓަކަށް ޙަމަލާތަކެއް އަމާޒުވެފައިވާ ކަމަށް އެމެރިކާގެ އަސްކަރީ މަރުކަޒު، ޕެންޓެގަނުން ވެސް ވަނީ ބުނެފައެވެ. އަދި އޮކްޓޯބަރު ހަތް ވަނަ ދުވަހު ޔަހޫދީ ފައުޖުތަކާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ދެމެދު ހަނގުރާމަ ފެށި ފަހުން ކަނޑުގެ ސިލްސިލާ ޙަމަލާތައް ބޮޑުތަނުން އިތުވެފައިވާ ކަމަށް ޕެންޓެގަނުން ބުނެއެވެ.

އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާއަށް އަމާޒުކޮށް ޙަމަލާތައް ދެމުން ދާތީ، ހަތިޔާރު އެޅި ހޫޘީ ޖަމާޢަތުން އަންނަނީ ޑްރޯންތަކާއި މިސައިލްތަކުގެ ޙަމަލާތައް ޔަހޫދީ ފައުޖުތަކަށް އަމާޒުކުރަމުންނެވެ. ޔަހޫދީންނާ ގުޅިފައިވާ އާގު ބޯޓެއް ރަތް ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް ހޫޘީން ވަނީ މިދިޔަ މަހު އަތުލައިގެންފައެވެ. އެ ބޯޓު އަދިވެސް އޮތީ ެރ ޖަމާޢަތުގެ ބެލުމުގެ ދަށުގައެވެ. ޔަހޫދީންނާ ގުޅިފައިވާ އެހެން އުޅަނދަކަށް އެހީތެރިވެދިނުމުން އެމެރިކާގެ ހަނގުރާމަމަތީ މަނަވަރަކަށްވެސް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހޫޘީން ވަނީ ޙަމަލާތައް އަމާޒުކޮށްފައެވެ.