ޚަބަރު

ރަޝިޔާއިން ޔޫކްރެއިނަށް ޑްރޯނާއި މިސައިލް ހަމަލަތަކެއް ދީފި


ރަޝިޔާގެ އިސްތިޢުމާރީ ފައުޖުން ޔޫކްރެއިންގެ ރަށްތަކަށް އަމާޒުކޮށް ޑްރޯނާއި ކްރޫޒް މިސައިލް ބޭނުން ކޮށްގެން ވަރުގަދަ ހަމަލަތަކެއް ދީފިއެވެ. ޔޫކްރެއިނުގެ ވައިގެ ސިފައިން ބުނީ، އެ ޤައުމުގެ ރަށްތަކަށް އަމާޒުކޮށް ރަޝިޔާއިން 12 ޑްރޯނާއި ކްރޫޒް މިސައިލެއް ފޮނުވައިލާފައިވާ ކަމުގައެވެ.

އޭގެ ތެރެއިން 10 ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާ ކަމަށާއި، ނަމަވެސް ކްރޫޒް މިސައިލް ދިފާޢު ކުރެވިފައި ނުވާ ކަމުގައި ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނެއެވެ. ކްރޫޒް މިސައިލްގެ އަމާޒަށް ވާސިލުވުމުގެ ކުރިން އޭތި ވެސް ވެއްޓިފައިވާ ކަމުގައި ވެސް ޔޫކްރެއިނުން ބުނެއެވެ. މި ހަމަލަތަކާ ގުޅޭ ގޮތުން ރަޝިޔާއިން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ޔޫކްރެއިނަށް ހަމަލަ ދޭން ރަޝިޔާއިން ބޭނުން ކުރަމުން ދަނީ އީރާނުގައި އުފައްދާ 'ޝާހިދު' މަރުކާގެ ޑްރޯންތައް ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ރަޝިޔާއިން އެންމެ ފަހުން ޑްރޯން ހަމަލަތައް ދީފައި ވަނީ ޔޫކްރެއިންގެ އިރުއުތުރުގެ އިތުރުން ދެކުނުގައިވާ މިކޮލައިވް ސަރަޙައްދަށެވެ. މި ހަމަލަތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.

ޔޫކްރެއިންގެ މެދުތެރޭގައިވާ ސަރަޙައްދުތަކަށް ވެސް ރަޝިޔާއިން ވަނީ ވަރުގަދަ ހަމަލަތަކެއް ދީފައެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، ޔޫކްރެއިންގެ މެދުތެރޭގައި އޮންނަ ދްނީޕްރޯ ސިޓީގައި ހުންނަ ޔޫކްރެއިންގެ އަސްކަރިއްޔާގެ މައި މަރުކަޒަކަށް ވަރުގަދަ ހަމަލަތަކެއް ދީފައިވާނެ ކަމުގައެވެ. އެއީ، ޔޫކްރެއިންގެ އަސްކަރިއްޔާގެ ކޮމާންޑް ޕޯސްޓެއް ކަމުގައި ވެސް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުންޏެވެ. ޔޫކްރެއިނުން މި ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ރަޝިޔާ ސިފައިން ވަނީ ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ދެ ސަރަޙައްދެއް ކަމުގައިވާ ދޮނެޓްސްކާއި ލުހާންސްކުގެ އިތުރުން ދެކުނުގައިވާ ޒަޕޮރީޜިޔާގެ ބޮޑު ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ. ރަޝިޔާގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް ޔޫކްރެއިންގެ ފައުޖުން މިހާރު ދަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ހަމަލާގެ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ.