ޚަބަރު

ސްނޯގެ ތޫފާނަކާއެކު ޖަރުމަނުވިލާތުގެ ދެކުނު ހުއްޓުމަކަށް


ސްނޯގެ ތޫފާނެއް އަރައި ޖަރުމަނުވިލާތުގެ ދެކުނުގައިވާ ބަޔަރން ސްޓޭޓްގެ ސަރަޙައްދުތަކަށް ހުއްޓުމަކަށް އައިސްފިއެވެ. މި ތޫފާނާ އެކު ބޯކޮށް ސްނޯ ފައިބާ ބަޔަރންގެ ވައިގެ ދަތުރުފަތުރާއި ރޭލު ދަތުރުފަތުރުގެ ޚިދުމަތްތަކަށް ވަނީ ބުރޫއަރާފައެވެ. މި ކަމާ ގުޅިގެން އެތަކެއް ހާސް ދަތުރުވެރިންނެއް ވައިގެ ބަނދަރުތަކާއި ރޭލު ސްޓޭޝަންތަކުގައި ތާށިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްނޯގެ ތޫފާނާ ގުޅިގެން ބަޔަރންގައި އޮންނަ އެންމެ ބޮޑު ވައިގެ ބަނދަރު ކަމުގައިވާ މުންޗެންގެ ވައިގެ ދަތުރުފަތުރުތައް ވަނީ މެދުކަނޑައިލާފައެވެ. އަދި، މަތިންދާބޯޓުތައް ވަނީ ގްރައުންޑު ކޮށްފައެވެ. އަދި، ވައިގެ ދަތުރުފަތުރާ ގުޅޭ އިދާރާއިން ވަނީ ވައިގެ ބަނދަރަށް ދަތުރު ނުކުރުމަށް ޢާންމުންނަށް އިލްތިމާސް ކޮށްފައެވެ.

ޖަރުމަނުވިލާތުގެ ދެކުނުގައިވާ ސަރަޙައްދުތަކަށް ކުރިމަތިވެފައިވާ ސްނޯގެ ތޫފާނުގެ އަސަރު އެ ޤައުމުގެ އެހެން ސަރަޙައްދުތަކަށް ފޯރަމުންދާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ. އެ ޤައުމުގެ އެއަރލައިން ލުފްތަންސާން ބުނީ، ބަޔަރންގެ ވައިގެ ބަނދަރު ބަންދު ކުރުމާ ގުޅިގެން އެހެން ސަރަޙައްދުތަކުގެ ވައިގެ އުދުހުންތަކަށް ވެސް އަސަރު ކޮށްފައިވާ ކަމުގައެވެ. މި ގޮތުން، ފްރެންކްފަރޓުގެ ވައިގެ ދަތުރުތަކަށް ވެސް ހުރަސް އެޅިފައިވާ ކަމުގައި އެ އެއަރލައިނުން ބުންޏެވެ.

މި ތޫފާނާ ގުޅިގެން ބަޔަރންގެ ވެރިރަށް މުންޗެންގެ ރޭލު ދަތުރުފަތުރުގެ ޚިދުމަތަށް ވެސް ބުރޫއަރާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ސަރަޙައްދަށް ބޯކޮށް ސްނޯ ފައިބާނެ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރެއެވެ. ދަތުރުތައް މެދުކެނޑި، ގިނަ ޢަދަދެއްގެ ބަޔަކު ރޭލުތަކުގައި ތާށިވެފައިވާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ. ޖަރުމަނުވިލާތާ އެހެން ޤައުމުތަކާ ދެމެދު ކުރާ ރޭލު ދަތުރުތަކަށް ވެސް ހުރަސް އެޅިފައެވެ.

ބޯކޮށް ސްނޯ ފޭބުމާ ގުޅިގެން ބަޔަރންގައި ގިނަ ޢަދަދެއްގެ މަގުމަތީގެ އެކްސިޑެންޓުތަކެއް ވެސް ހިނގާފައިވެއެވެ. މި ގޮތުން، ބަޔަރންގެ ހުޅަނގުއުތުރުގައިވާ ސަރަޙައްދުތަކުގައި އެކަނިވެސް 350 އަށްވުރެ ގިނަ އެކްސިޑެންޓު ހިނގައި، ފުލުހުން ހަރަކާތްތެރިވާން ޖެހުނު ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. މީގެ ތެރެއިން އެއް ހާދިސާއެއްގައި އުމުރުން 54 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ.

ސްނޯގެ ތޫފާނާ ގުޅިގެން ބަޔަރންގެ ފުޓުބޯޅަ މެޗުތައް ވެސް ވަނީ ފަސް ކުރަން ޖެހިފައެވެ. މި ގޮތުން، ބަޔަރން މުންޗެނާއި އުނިޔޯން ބެރްލީންއާ ދެމެދު ކުޅެން ހަމަޖެހިފައި އޮތް މެޗެއް ވެސް ފަސް ކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެ މެޗު ކުޅެން ހަމަޖެހިފައި އޮތީ ބަޔަރންގެ މަޝްހޫރު ސްޓޭޑިޔަމް ކަމުގައިވާ އަލިއަންޒް އަރީނާގައެވެ.

ސްނޯގެ ތޫފާނުގެ އަސަރު ޖަރުމަނުވިލާތާ އިންވެގެން އޮންނަ އޮސްޓްރިޔާއާއި ސްވިޓްޒަލެންޑުގެ ސަރަޙައްދުތަކަށް ވެސް ދަނީ ކުރަމުންނެވެ. އޮސްޓްރިޔާގެ ހުޅަނގުގައިވާ ތިޜޯލް އަދި ފޮއާލްބަރގް ޕްރޮވިންސުގެ ސަރަޙައްދުތަކަށް 50 ސެންޓިމީޓަރުގެ ސްނޯ ފައިބާފައިވާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އަދި، މިއާ އެކު ފަރުބަދަމަތީ ސަރަޙައްދުތަކުން ސްނޯއާއި ގަނޑުފެން ފޭބުމުގެ ހާދިސާތައް ހިނގާފާނެ ކަމުގެ އިންޒާރު ވަނީ ކޮށްފައެވެ.