ޚަބަރު

ވާހަކަދެއްކުމުގެ 31 ވަނަ ޤައުމީ މުބާރާތް ފަށައިފި


ދިވެހިބަހުގެ އެކަޑަމީއާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިވަޑައިގެން ބާއްވަވާ ވާހަކަދެއްކުމުގެ 31 ވަނަ ޤައުމީ މުބާރާތް މިއަދު ފަށްޓަވައިފިއެވެ.

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ފެއްޓެވުމުގެ ގޮތުން މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވެވި ރަސްމިއްޔާތުގައި ވަނީ ދިވެހިބަހުގެ އެކަޑަމީއާއި ޕަބްލިކް ސާވިސް މީޑިއާ ގުޅިވަޑައިގެން ދިވެހިބަހާއި ޘަޤާފަތާ ގުޅޭކަންކަން ކުރިއެރުވުމަށް ފަހުމުނާމާއެއްގައިވެސް ސޮއިކުރައްވާފައެވެ.

މިއަދު ފެއްޓެވި ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި އެހެން މުބާރާތްތަކާ ޚިލާފަށް ގިނަޢަދަދެއްގެ ފަރާތްތަކުން ބައިވެރިވެފައިވާކަމަށް ދިވެހިބަހުގެ އެކަޑަމީން ވިދާޅުވެއެވެ. މިގޮތުން މިފަހަރުގެ މުބާރާތުގައި ދުއިސައްތައަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ. ކުރީ މުބާރާތްތަކާ ޚިލާފަށް މިފަހަރުގެ މުބާރާތުގައި ބަހުސްގެ ބައެއް ނުހިމަނުއްވައެވެ. 3 އުމުރުފުރާއަކަށް ބައްސަވާލައްވައިގެން، ބާއްވަވާ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ސްކޫލްތަކާއި ޢާންމު ފަރާތްތަކުންވެސް ބައިވެރިވެއެވެ. މިފަހަރުގެ މުބާރާތުގައި މާލޭގެ ސްކޫލްތަކުގެ އިތުރުން އައްޑުއަތޮޅު ހިތަދޫ ސްކޫލާއި ޞަލާޙުއްދީން ސްކޫލުން ބައިވެރިވެފައިވެއެވެ.

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު ބާޤިރު ދެއްކެވި ވާހަކަފުޅުގައި ވަނީ މާދަރީބަސް ކުރިއަރުވައި، ޙިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. މިގޮތުން ބަހަށް ރައްކާތެރިވުމަކީ ޤައުމީ އަދި ދީނީ ވާޖިބެއްކަން މިނިސްޓަރ ޒިޔާދު ފާހަގަކުރެއްވިއެވެ. ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ މިމުބާރާތުގައި ބަހުސްގެ ބައި ނުހިމެނުއްވީ ޤައުމީ ބަހުސް މުބާރާތެއް ކުރިޔަށް ގެންދެވުމަށް ކަމަށާއި އެ މުބާރާތް ކުރިޔަށް އޮތް ރަމަޟާންމަހުގެ ތެރޭގައި ކުރިޔަށް ގެންދެވުމަށް ހަމަޖެހިފައިވާކަމަށެވެ.

ވާހަކަދެއްކުމުގެ ޤައުމީމުބާރާތް ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވަނީ ބަހުގެ އެކަޑަމީއާ ޕީއެސްއެމްއާ ދެމެދުވެސް ދެއިދާރާ ގުޅިގެން މަސައްކަތްކުރުމުގެ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ. މި ފަހުމު ނާމާގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބުދުއްލަޠީފް ވިދާޅުވީ ޕީއެސްއެމްގެ ޤާނޫނުގެ އެންމެ މުހިންމު މަޤްޞަދުތަކުގެ ތެރޭގައި ދިވެހިބަހާއި ޤައުމިއްޔަތު ކުރިއެރުވުމަށް މަސައްކަތްކުރުން ހިމެނޭކަމަށާއި، މި ފަހުމުނާމާގެ ދަށުން ދިވެހިބަހާއި އަދަބިއްޔާތަށް ފައިދާހުރި ހުރިހާ ކަމެއްގައި ޕީއެސްއެމްއިން ބަހުގެ އެކަޑަމީއަށް އެއްބާރުލުން ދޭނެކަމަށެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިޔަށް ގެންދަވާ މި މިމުބާރާތް މިމަމަހުގެ ނުވަނަ ދުވަހާ ހަމައަށް ކުރިޔަށްދާނެއެވެ.