ޚަބަރު

ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި


  • މިއެވޯޑަކީ ތިމާވެށީގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލު ހޯދުމުގެ ދާއިރާއިން ދޭ އެވޯޑެއް

  • ރައީސުލްޖުމްހޫރިއްޔާ ޔޫއޭއީއަށް ވަޑައިގެންނެވީ ކޮޕް28ގައި ބައިވެރިވެވަޑައިގަތުމަށް

  • ކޮޕް28 ގައި ރައީސުލްޖުމްހޫރިއްޔާ އިއްޔެވަނީ ތަޤްރީރުކުރައްވާފައި

ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބައިވެރިވެ ވަޑައިގެންފިއެވެ.

2008 ވަނަ އަހަރު ޤާއިމުކުރި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑަކީ، ދުނިޔެއަށް ކުރިމަތިވަމުންދާ އެކިއެކި މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލު ހޯދުމުގެ ގޮތުން އިޖާދީ އުފެއްދުންތައް އުފައްދާ ފަރާތްތައް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށް، އެ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ހިތްވަރުދީ، އިތުރަށް ބާރުވެރިކުރުވުމުގެ ގޮތުން ދޭ އެވޯޑެކެވެ.

ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑަކީ، ތިމާވެށީގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލު ހޯދުމުގެ ދާއިރާއިން ޔޫ.އޭ.އީން ދޭ ޝަރަފުވެރި ބައިނަލްއަޤްވާމީ އެވޯޑެކެވެ. މި އެވޯޑް ނިސްބަތްކުރެވެނީ އެ ޤައުމުގެ ބާނީ އަލްމަރްޙޫމް ޝައިޚް ޒައިދު ބިން ސުލްޠާން އަލް ނަޙްޔާންގެ ޚިދުމަތްތަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫ.އޭ.އީއަށް ވަޑައިގެންނެވީ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް، ކޮޕް28 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ކޮޕް28 ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާވަނީ އިއްޔެ ތަޤްރީރުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޔޫ.އޭ.އީއަށް ކުރައްވާ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.