ޚަބަރު

80 ސްކޫލަކަށް ސަތޭކަހާހަށްވުރެ ގިނަ ފޮތް ހަދިޔާކުރައްވައިފި


ރާއްޖޭގެ އަށްޑިހަ ސްކޫލަކަށް ސަތޭކަ ހާހަށްވުރެ ގިނަ ރީޑިންގ ފޮތާއި ސާމާނު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ޙަވާލުކުރައްވައިފިއެވެ. މިއީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ލައިބްރަރީއަށް ބޭނުންވާ ފޮތް ހޯއްދެވުމަށް އިންޑިޔާގެ އޮކްސްފޯޑް ޔުނިވަރސިޓީ ޕްރެސްއާއި މިނިސްޓްރީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ޙަވާލުކުރެއްވި ފޮތްތަކެކެވެ.

ވަޞީލަތްތަށް ހަމަ މަޤްބޫލް ސްކޫލްތައް އުފެއްދެވުމުގެ ސިޔާސަތުގެ ދަށުން، އަށްޑިހަ ސްކޫލެއްގެ ލައިބްރަރީއަށް ބޭނުނުވާ ތިނެއް ޕޮއިންޓް ނުވަ މިލިޔަން ރުފިޔާގެ ސާމާނު މިއަދު ވަނީ ޙަވާލުކުރައްވާފައެވެ. ފޮތްތައް ޙަވާލުކުރެއްވީ އުތުރުގެ ސާޅީސް ސްކޫލަކަށާއި، ދެކުނުގެ ތެއްތިރީސް ސްކޫލްކަށާއި، މެދު ރާއްޖޭތެރޭގެ ދިހަ ސްކޫލަކަށާއި އަދި މާލޭގެ ހަތް ސްކޫލަކަށެވެ. ސްކޫލްތަކުގެ ލައިބްރަރީތަކާ ޙަވާލުކުރެއްވި ތަކެތީގެ ތެރޭގައި ސީޑީއާއި، ޓީޗާރސް ގައިޑް އަދި އެހެނިހެން މުހިންމު ރީޑިންގ މެޓީރިއަލް ހިމެނެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޮންމެ ސްކޫލްއަކަށް ސަތާރަ ސަތޭކަ އަށާވީސް ފޮތް ޙަވާލުކުރައްވާފައެވެ. އަދި މުޅިއަކު އަށްޑިހަ ސްކޫލަކަށް ސަތޭކަ ތިރީސް އަށްހާސް ދުއިސައްތަ ސާޅީސް ފޮތް ޙަވާލުކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14594137143413.jpg|ސްކޫލްތަކަށް ބޭނުންވާ ފޮތާއި އެހެނިހެން ސާމާނު އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު ހަވާލުކޮށްދެއްވަނީ / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ފޮތްތައް ޙަވާލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، ސްކޫލްތަކަށް ޙަވާލުކުރެއްވި ރީޑިންގ ފޮތްތަކުގެ ސަބަބުން ސްކޫލް ދަރިވަރުން ފޮތް ކިޔުމަށް އަޙުލުވެރިވެ، ފޮތް ކިޔުމަށް އޮންނަ ޝައުޤު މިހާރަށްވުރެ އިތުރުވެގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ސްކޫލްތަކުގެ ދަރިވަރުން ފޮތް ކިޔެވުމަށް އަހުލުވެރިކުރެއްވުމަށް އަދި ދަރިވަރުން ބަހުގެ ފެންވަރު މަތިކުރެއްވުމަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ލައިބްރަރީއަށް ބޭނުންވާ ފޮތްތައް ހޯއްދެވުމަށް އިންޑިޔާގެ އޮކޮސްފޯޑް ޔުނިވަރސިޓީ ޕްރެސް އާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު ނުވައެއް ޕޮއިންޓް ފަހެއް މިލިޔަން ރުފިޔާގެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. މިއީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. ރާއްޖޭގެ ހުރިހާ ސްކޫލަށް ބޭނުންވާ ލައިބްރަރީ ފޮތްތައް ހޯއްދެވުމަށް އޮކްސްފޯޑް ޔުނިވަރސިޓީ ޚިޔާރުކުރެއްވީ އޮކޮސްފޯޑް ރީޑިންގ ޓްރީގެ ފޮތްތަކަކީ ޤައުމީ މަންހަޖު ބައްޓަންކުރެވިފައި އޮތް ގޮތަށް ބަލާއިރު ދަރިވަރުން ފޮތް ކިޔުމަށް އަހުލުވެރި ކުރުވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ބާވަތުގެ ފޮތް އުދައްދަމުން އަންނަ ކުންފުންޏަކަށް ވާތީކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ.