ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާގެ ރައީސްއާ ބައްދަލުކުރައްވައިފި


  • މިބައްދަލުކުރެއްވުން އޮތީ ކޮޕް-28ގެ ހަވާސާގައި

  • ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުން އޮތީ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ހަވާސާގައެވެ.

މިއަދު މެންދުރުފަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު އާއި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ މަޝްވަރާކުރެއްވިއެވެ. މިގޮތުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި މިހާރަށްވުރެ އިތުރަށް ގުޅުން ބަދަހި ކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ތައުލީމީ ދާއިރާއިންނާއި އަދި މީގެ އިތުރުންވެސް ދެ ޤައުމަށް ފައިދާހުރި ތަފާތު ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ވަރުގަދަ ކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން ޚިޔާލު ބަދަލުކޮށްލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ރައީސުން ވަނީ، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދިވެހިރާއްޖެއާއި ސްރީލަންކާއިން ގެންގުޅޭ ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު އާއި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ، ގޮންޖެހުންތަކުން އަރައިގަނެ، އެކުގައި ގުޅިގެން މަސައްކަތް ކުރުމުގެ ތެރެއިން ފުރުޞަތުތަކުގެ ބޭނުން ހިފޭނެކަމުގެ ޔަޤީންކަން ފާހަގަކުރައްވާފައެވެ.