ޚަބަރު

ދެކުނުގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރުއްވައިފި


ލ.އަތޮޅުން ފެށިގެން ގދ. އަތޮޅުގެ ރަށްތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ޔެލޯ އެލާޓް ނެރުއްވައިފިއެވެ. 

މޫސުމާބެހޭ ޤައުމީ އިދާރާއިން ލ. އަތޮޅުން ފެށިގެން ގދ.އަތޮޅުގެ ރަށްތަކާއި ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރައްވާކަމަށެވެ. ޔެލޯ އެލާޓް ނެެރުއްވާފައިވަނީ މިއަދު ހެނދުނު 9:00 އިން ފެށިން މެންދުރު 12:00 އަށެވެ.

މިސަރަޙައްދުތަކުގެ އިތުރުން ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. މިގޮތުން ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާ 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް އެއިދާރާއިން ލަފާކުރައްވައެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައެވެ.

މިދުވަސްކޮޅު ރާއްޖެއަށް ކުރަމުންދަނީ މޫސުމީ ވިއްސާރައެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.