ދުނިޔެ ހޫނުވާ މިންވަރު 1.5 ޑިގްރީގައި ހިފެހެއްޓުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވާނޭގޮތަށް ކަންކަން އިސްލާހުކޮށް، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ކުރާ ހޭދަ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ ޔޫއޭއީގައި މިހާރު ކުރިއަށްދާ ކޮޕް 28 ތަގްރީރުކުރައްވަމުންނެވެ.
ކޮޕް 28ގައި ތަޤްރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެ 15 ދުވަސްކުރިން އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތީ ރާއްޖޭގެ މަސްލަހަތު ހިމާޔަތްކޮށް، ދިވެހި ރައްޔިތުންނަށް ފާގަތި މުސްތަގްބަލެއް ހޯއްދަވައިދެއްވަން ވައުދުވަމުންކަމަށެވެ. އަދި އެ ވަޢުދުތައް ފުއްދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު އެ ވަޢުދުތައް ވީ، އަޅުގަނޑުގެ ކުޑަކުޑަ ޤައުމުގެ އަމިއްލަ ބާރު ނުފޯރާ އެތައްކަމެއް އެބަހުރިކަން އެނގިހުރެ. މިފަދަ އެއް މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތައް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ފަރާތުން، ކޮޕް28 އަށް ކުރާ އުއްމީދުތަކެއް އެބައޮތްކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކަށް، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ޤައުމުތަކުން އަޅާ ފިޔަވަޅުތައް ވަޒަން ކުރުމުގައި ޕެރިސް އެއްބަސްވުމާއި އެއްގޮތަށް، 1.5 ޑިގްރީގެ މިސްރާބަށް ވާޞިލުވާނޭ ޕްލޭންތައް ތަންފީޒުކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
"މި ޕްލޭން ވާން ޖެހޭނީ، ހަމަހަމަކަން ޤާއިމްވެފައިވާ، އަދި ލިބެން ހުރި އެންމެ ރަނގަޅު ޢިލްމުގެ އަލީގައި ކޮށްފައިވާ ޕްލޭނަކަށް. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ ގެއްލުން ޤައުމުތަކުގެ ފެންވަރުގައި ކުޑަކުރުމަށް ކަނޑައަޅާފައިވާ، ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ)ތައް، މިހާރަށްވުރެ މާ ހަރުދަނާވާން ޖެހޭ" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ތަޤްރީރުގައި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ފައިސާ ހޯދުމަށް ހުރި އުނދަގޫތައް ލުއިކޮށްދޭން ޖެހޭކަންވެސް ފާހަގަކުރެއްވިއެވެ. އަދި މިކަން ތަކުރާރުކުރަމުންދިޔަނަމަވެސް މި އަމާޒު ޙާޞިލްވުމާއި ގާތަށް ނުދެވޭކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މޫސުމީ ކަންކަމަށް ސީދާ ހޭދަކުރެވޭނެ މާލިއްޔަތެއް ކަނޑައަޅައިގެން، އެކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް އިސްކަންދެވޭނެ އައު ގޮތްތަކެއް ހޯދަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ދުނިޔޭގެ މާލީ ކަންކަން ހިނގާ އުޞޫލާ އޮނިގަނޑަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ. މީގެ ކުރީން ދުވަހަކުވެސް ނާންނަހައި އަވަހަށް މޫސުމަށް ބަދަލު އަންނަ ދުނިޔެއެއްގައި، ވަކި ހަމަތަކަކާ ގަވާއިދުތަކެއްގެ ތެރެއިން ކަންކަން ހަމަޖެހެންދެން އިންތިޒާރުކުރެވޭކަށް ނެތް. ފައިސާގެ ޤާބިލްކަމާ ކަންކުރެވޭނެ ޤާބިލްކަން ވަޒަންކޮށްކޮށް ތިބޭކަށް ވަގުތެއް ނެތް. ފައިސާ ލިބޭނެ ގޮތްތައް ފަސޭހަވާން ޖެހޭ. އަދި ފައިސާ ދިނުމުގައި ބަލާ މިންގަނޑުތައްވެސް އަލުން މުރާޖަޢާކުރަން ޖެހޭ" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ތަޤްރީރުގައި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވާ، 'ލޮސް އެންޑް ޑޭމަޖް ފަންޑު' ގެ ބޭނުން ހިފަން ފަށައިގަތުމަށް، މި ބައްދަލުވުމުގެ ތެރެއިން ނިންމި ނިންމުމާމެދު އުފާކުރާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެކަމުގައި ޔޫއޭއިން އިސްނަންގަވައި މަގު ދެއްކެވީތީ، އަދި އެހެން ޤައުމުތަކުން އެކަމަށް ތާއީދުކުރައްވައި އެއްބާރުލުންދެއްވައި، މި ފަންޑަށް ބޮޑެތި އެހީތަކެއް ވެދެއްވާނެކަމުގެ ޔަޤީންކަން ދެއްވީތީ ރައީސުލްޖުމްހުރިއްޔާ ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ކޮންމެ މުރަކަކޮޅެއް، ކޮންމެ ވެލިފުކެއް، އަދި ކޮންމެ މަހެއް، އަދި ކޮންމެ ރުކެއްގެ އަގެއްވާކަމަށެވެ. އަދި އެއިން ކޮންމެ އެއްޗަކަށް ލިބޭ ކޮންމެ ގެއްލުމަކީވެސް ޤައުމަށާއި މުޅި އިޤްތިޞާދަށް ލިބޭ ގެއްލުމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ތަޤްރީރުގައި ލޮސް އެންޑް ޑެމޭޖް ފަންޑުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފޭނެކަމަށް އުންމީދުކުރާކަމަށް ވިދާޅުވިއެވެ. އަދި އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެ ފަންޑުގެ މަދަދު ފަސޭހައިން ހޯދޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް ކޮޕް 28ގައި ތަޤްރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.