ޚަބަރު

ޣައްޒާއަށް އެހީ ހޯދައިދޭން އުރުދުނުން މަހާސިންތާއެއް ބާއްވަނީ


ޔަހޫދީންގެ އަޅުވެތި ކަމުގެ ދަށުގައި ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މުސްލިމުންނަށް އިންސާނީ އެހީގެ ސާމާނު ހޯދައިދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޚާއްޞަ މަހާސިންތާއެއް ބާއްވަން ނިންމާފައިވާ ކަން އުރުދުނުން ހާމަކޮށްފިއެވެ. މި ބައްދަލުވުމުގައި އ.ދގެ އިދާރާތަކާއި ގިނަ ޢަދަދެއްގެ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ބައިވެރިވާނެއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ފެށި ލާއިންސާނީ އުދުވާނާ ގުޅިގެން ޣައްޒާގެ ރައްޔިތުންގެ ހާލަތު ވަނީ ވަރަށް ދަށްވެފައެވެ. ކާބޯތަކެއްޗާއި ސާފު ބޯފެން ވަނީ ހުސްވެފައެވެ. ތެޔޮ ހުސްވުމާ އެކު ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. އަދި، މެދުކެނޑުމެއް ނެތި ބޮން އަޅައި، ޣައްޒާގެ ގިނަ ރައްޔިތުންގެ ގެދޮރު ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. ޣައްޒާއަށް އެހީގެ ސާމާނު މިހާރު އެތެރެ ކުރަމުން ދަނީ ވެސް ވަރަށް މަދު މިންވަރަކަށެވެ.

އުރުދުންގެ ދަޢުލަތުގެ މީޑިޔާއިން ބުނީ، ޣައްޒާއަށް އެހީ ހޯދައިދިނުމަށް ބާއްވާ ސަމިޓުގައި އ.ދގެ އިންސާނީ އެހީގެ ކަންކަން ވިލަރެސްކުރާ އިދާރާގެ އިސްވެރިޔާ މާޓިން ގްރިފިތްސްގެ އިތުރުން އ.ދގެ ގިނަ އޮފީސްތަކާއި އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގައެވެ. މީގެ އިތުރުން، ޣައްޒާގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ޢަރަބި ޤައުމުތަކުގެ އޮފިޝަލުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގައެވެ.

މި ބައްދަލުވުމުގައި އުރުދުންގެ ރަސްގެފާނު ޢަބްދުالله (ދެވަނަ) ބިން ޙުސައިން ތަޤުރީރު ކުރައްވާނެ ކަމުގައި ވެސް އެ ޤައުމުގެ ދަޢުލަތު މީޑިޔާއިން ހާމަ ކުރިއެވެ. އޭނާ މިހާރު ވެސް ގެންދަވަނީ ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ހުއްޓުވަން ހުޅަނގުގެ ޤައުމުތަކާއި އެމެރިކާއަށް ބާރު އަޅުއްވަމުންނެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އުދުވާންތަކަކީ ހަނގުރާމައިގެ ކުށެއް ކަމުގައި ރަސްގެފާނު ޢަބްދުالله ވަނީ ވިދާޅުވެފައެވެ. މި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 15,000 އަށް އެރުމާ ގާތުގައެވެ. މެދުކެނޑުމެއް ނެތި ބޮން އެޅުމުގެ އިތުރުން ޔަހޫދީން ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި، ސާފު ބޯފެނާއި، ބޭސް ފަރުވާގެ ސާމާނާއި، ތެޔޮ ވެސް އެތެރެ ކުރުން ހުއްޓުވާފައެވެ.

ނަމަވެސް، ނޮވެންބަރު 24 ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއް ދަށުން ޔަހޫދީންގެ އުދުވާންތައް ވަގުތީ ގޮތުން ވަނީ މެދުކަނޑައިލާފައެވެ. އަދި، އެހީގެ ސާމާނު ބަރު ކޮށްފައިވާ އުޅަނދުފަހަރު ޣައްޒާއަށް އެތެރެ ކުރަން ހުއްދަ ދީފައެވެ. މި އެއްބަސްވުމުގެ ދަށުން ޙަމާސް ޖަމާޢަތުން ދަނީ އެ މީހުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރަމުންނެވެ. އަދި، ޔަހޫދީން ވެސް ދަނީ، އިސްރާޢީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ކުޑަކުދިންނާއި، އަންހެނުންނާއި ޒުވާން އުމުރުގެ ކުދިން މިނިވަން ކުރަމުންނެވެ.

އ.ދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ޞަފްދީ ވެސް ވަނީ، ޔަހޫދީންގެ އުދުވާންތައް ހުއްޓުވަން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެ މަޖިލީހަށް ގޮވައިލައްވާފައެވެ. އޭނާ ވިދާޅުވީ، ޔަހޫދީންނާ ދެކޮޅަށް ސަލާމަތީ މަޖިލީހުން ފިޔަވަޅު ނާޅައި އޮންނަ ކޮންމެ ދުވަހަކީ ޔަހޫދީންނަށް ކާމިޔާބީ ލިބޭ ދުވަހެއް ކަމުގައެވެ. އަދި، ލާއިންސާނީ ޖަރީމާތައް ހިންގުމަށް ފަހު ސަލާމަތްވެވޭ ދުވަހެއް ކަމުގައެވެ.