ޚަބަރު

ރަޝިޔާގެ ދެ ރައްޔިތުން މިނިވަން ކުރުމުން ޙަމާސްއަށް ރަޝިޔާގެ ޝުކުރު


ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން ރަޝިޔާގެ ދެ އަންހެނުން މިނިވަން ކުރުމުން އެ ޤައުމުން ޙަމާސް ޖަމާޢަތަށް ޝުކުރު އަދާކޮށްފިއެވެ. ޙަމާސް ޖަމާޢަތުން އެ ދެ އަންހެނުން މިނިވަން ކޮށްފައި ވަނީ، އިސްރާޢީލާ އެކު ހަދާފައިވާ އެއްބަސްވުމާ ވަކިން ކުރި މަޝްވަރާތަކަކަށް ފަހުއެވެ.

"އަޅުގަނޑުމެންގެ އެދުމަށް އިޙުތިރާމުކޮށް، ޙަމާސް ޖަމާޢަތުގެ އިސްވެރިން އަމަލު ކޮށްފައިވާ ގޮތާ މެދު ޝުކުރުވެރިވަން. ޣައްޒާގައި ތިބި ރަޝިޔާގެ އެހެން ރައްޔިތުން ވެސް މިނިވަން ކުރަން ޙަމާސްއާ ގުޅިގެން މި ދަނީ މަސައްކަތް ކުރަމުން،" ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޙަމާސްއިން ރަހީނު ކުރި އަސީރުން މިނިވަން ކުރަން ފަށާފައި ވަނީ ޒަޔަނިސްޓު އިސްރާޢީލުގެ އިސްތިޢުމާރީ ފައުޖާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމަށް އަމަލު ކުރަން ފަށާފައި ވަނީ ނޮވެންބަރު 24 ވީ ހުކުރު ދުވަހުއެވެ. ހަތަރު ދުވަހަށް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ދަންމައިލާފައިވާއިރު، ޔަހޫދީންގެ ލާއިންސާނީ އުދުވާންތައް މެދުކަނޑައިލިތާ ހަ ވަނައަށްވީ ދުވަހު ޔަހޫދީން ވަނީ ފަލަސްޠީނުގެ 30 މީހުން މިނިވަން ކޮށްފައެވެ.

މިނިވަން ކޮށްފައިވާ މީހުންގެ ތެރޭގައި ފަލަސްޠީނުގެ 22 އަހަރުގެ އެކްޓިވިސްޓެއް ކަމުގައިވާ އަހަދް ތަމީމީ ހިމެނެއެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ އިންސްޓަގްރާމްގައި ޝާއިޢު ކުރި ޕޯސްޓަކާ ގުޅިގެންނެވެ. ޔަހޫދީންގެ ހައްޔަރުގައި ތިބި ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ މީހުންނަކީ އެއްވެސް ހައްޤު ކުށެއް ނެތި ހައްޔަރު ކޮށްފައިވާ މީހުންނެވެ. އިސްރާޢީލުގެ ޖަލުތަކުގައި އެ މީހުންނަށް ދަނީ ބޮޑެތި އަނިޔާތަކާ ކުރިމަތި ކުރުވަމުންނެވެ.

ނޮވެންބަރު 24 ވަނަ ދުވަހުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން ޔަހޫދީން ވަނީ ފަލަސްޠީނުގެ 210 މީހުން މިނިވަން ކޮށްފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި، އަންހެނުންނާއި ޒުވާން އުމުރުގެ ކުދިންނެވެ. އަދި، ޙަމާސް ޖަމާޢަތުން ވަނީ 70 އަސީރުން މިނިވަން ކޮށްފައެވެ. އަދި، ޔަހޫދީންނާ އެކު ހަދާފައިވާ އެއްބަސްވުމުގެ ބޭރުން ވެސް އިތުރު 30 މީހުން މިނިވަން ކޮށްފައިވެއެވެ.

ޔަހޫދީން މިނިވަން ކުރަމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް ހުޅަނގު އައްސޭރިއާއި އިރުމަތީ ބައިތުލްމަޤްދިސްގެ ރައްޔިތުން ދަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔަމުންނެވެ. އަދި، އެ މީހުންގެ ޢާއިލާތަކުން ދަނީ އުފާ ފާޅު ކުރަމުންނެވެ. ގިނަ މީހުންނަށް އެ މީހުންގެ ޢާއިލާތަކާ ބައްދަލުވެފައި މި ވަނީ، ޔަހޫދީ ސިފައިންގެ އަޅުވެތި ކަމާއި އަނިޔާވެރި ކަމުގެ ދަށުގައި އެތަކެއް ހަފުތާއެއް ފާއިތު ކުރުމަށް ފަހުގައި ކަން ފާހަގަ ކޮށްލަން ޖެހެއެވެ.