ޚަބަރު

ކުޑަކުދިންތަކަކާއި ބެހުނު 3 މީހަކު ދިގު މުއްދަތަކަށް ޖަލަށް


ކުޑަކުދިންތަކަކާއެކު ޖިންސީ އަމަލެއް ހިންގިކަން ސާބިތުވެ، 3 މީހަކު ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ. 

މިމައްސަލަތަކުގެ ތެރެއިން ށ.ގޮއިދޫ، މަލާޒު އަލީ ޒާހިރުގެ ( 39އ ) މައްޗަށް ސާބިތުވެފައިވަނީ އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއަކާއި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖެއްގެ ހާޒިރުގައި ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެދައުވާއެވެ. މި ދެ ދައުވާވެސް އޭނާގެ މައްޗަށް ސާބިތުވުމާއި ގުޅިގެން 33 އަހަރަށް އޭނާ ޖަލަށްލުމަށް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މީގެ އިތުރުން އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވި މީހަކު 15 އަހަރަށްޖަލަށްލުމަށްވެސް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމްކުރައްވާފައެވެ. މިމައްސަލައާއި ގުޅިގެން ޖަލަށްލުމަށް ހުކުމްކުރައްވާފައިވަނީ ހދ.ކުޅުދުއްފުށި، އިރުޒުވާގެ، އަޙްމަދު އިބްރާހީމް ( 38އ ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ތަފާތުއެކި ދުވަސްމަތިން ގަދަކަމުން ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށެވެ.

ކުޑަކުއްޖަކާއެކު ޖިންސީއަމަލެއް ހިންގުމުގެ ކުށް ސާބިތުވި އަނެއް މީހާއަކީ ހދ. ކުޅުދުއްފުށި، ލީބިޔާ، ޙަސަން ޢަލީ ( 22އ ) އެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށާއި ޑައިމޯފިނުން މުއާމަލާތުކުރުމުގެ ކުށެވެ. މި ދެ ކުށް އޭނާގެ މައްޗަށް ސާބިތުވުމާއި ގުޅިގެން 25 އަހަރަށް ޖަލަށްލުމާއެކު 30،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.