ޚަބަރު

ނައީމާގެ މަރުގެ މައްސަލައިގައި 3 މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީން ނިންމައިފި


  • ދައުވާކުރަނީ ނ.މަނަދޫގެ 3 ޒުވާނަކަށް

  • ދަޢުވާ ސާބިތުވާ ވަރަށް ހެކި ހުރި ކަމަށް ޕީޖީ ވިދާޅުވި

  • ނައީމާ މަރާލާފައިވަނީ ތޫނު އެއްޗަކުން ހަމަލާދީ

ނ. މަނަދޫގައި މަރާލާފައި އޮތްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގައި 3 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމަވައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ހުސައިން ޝަމީމު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ދަޢުވާ ކުރަން ނިންމަވާފައިވަނީ ނ. މަނަދޫ ވިނަރެސް ޙުސައިން ފަވާޒު އާއި، މަނަދޫ ފެހިވިލާގޭ އަހުޒަމް އަބްދުއްޝަކޫރު އާއި، މަނަދޫ ފިނިފެންމާގެ އަބްދުލް ވާހިދު ރިފާސްގެ މައްޗަށް ކަމަށެވެ. މިތިން މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، އަދުލު އިންސާފް ޤާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދަޢުވާއާއި، މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާ ކަމަށް ހުސައިން ޝަމީމު ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ މިތިން މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް މިއަދުގެ ވަގުތެއްގައި ކްރިމިނަލް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި މިމީހުންނާއި ދެކޮޅަށް ހުށަހަޅާ ހެކިތަކާއި، ހުށަހަޅާ ސަބަބުތައް ޝަރީއަތުގެ މަޖިލީހުގައި ހާމަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިތިން މީހުންނާ ދެކޮޅަށް ކުރާ ދަޢުވާ ސާބިތުވާ ވަރަށް ސައިންޓިފިކް ހެކިތަކާއި، އޭގެ އިތުރުންވެސް އެހެންކަހަލަ ހެކިތައް ހުރި ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ވިދާޅުވިއެވެ.

މަނަދޫ އަންނާރުމާގެ އުމުރުން 62 އަހަރުގެ ނާއިމާ މޫސާއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ އޭޕްރިލްމަހުގެ 6 ވަނަ ދުވަހުގެ ދަންވަރު 1:00އާއި 03:30އާ ދެމެދުގެ ވަގުތެއްގައި ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

ނަޢީމާ މޫސާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ 2 ހަތިޔާރަކާއި އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު ފުލުހުން ވަނީ ހޯދާފައެވެ. އެތަކެތި ފުލުހުން ހޯދާފައިވަނީ ވަޅުގަނޑެއް ކޮނެ އަޅާ އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވަނިކޮށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.