ޚަބަރު

ތިލަފުށީގައި އަޅާ ކްލިނިކް 4 މަސްދުވަހުގެ ތެރޭގައި ނިމޭނެ


ތިލަފުށީގައި އަޅާ ކުލިނިކްގެ ޚިދުމަތް ކުރިޔަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ފެށޭނެކަމަށް ތިލަފުށީ ކޯޕަރޭޝަނުން ބުނެފިއެވެ.

މިއީ އެރަށުގައި މަސައްކަތްކުރާ ފަރާތްތަކަށް ފުރަތަމަ މަރުޙަލާގައި ދޭންޖެހޭ ފަރުވާއާއި އަދި ކުލިނިކަކުން ލިބިދެވޭފަދަ ޢާންމު ފަރުވާގެ ޚިދުމަތަށް ޚާއްޞަކުރެވޭ ކުލިނިކެކެވެ. ތިލަފުއްޓަކީ ސިނާޢީ ގޮތުން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ރަށެކެވެ. އެރަށުގައި މަސައްކަތްކުރާ ކުންފުނިތަކާއި އެކުންފުނިތަކުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ތިލަފުށީ ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. ތިލަފުށީގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި އެކޯޕަރޭޝަންގެ މެނޭޖިނގް ޑިރެކްޓަރ އަޙުމަދު ނާސިފް ވިދާޅުވީ ތިލަފުށީގެ އެޑްމިނިސްޓްރޭޓިވް މަސައްކަތް އިތުރަށް ފުޅާކޮށް، އެ ކުންފުނީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ގޮތަށް ހޯދައިދިނުމުގެ ގޮތުން ތިލަފުށީފައި އިދާރީ ޢިމާރާތް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެރަށުގައި މެޑިކަލް ކުލިނިކެއް ޤާއިމްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ނާސިފް ވިދާޅުވިއެވެ.

ތިލަފުށީގައި އެޅުމަށް ހަމަޖެހިފައިވާ މި ކުލިނިކްގައި ކޮންމެ ގަޑިއަކުވެސް ބަލި މީހުން ބަލާނެ ޑޮކްޓަރެއް ހުންނާނެކަމަށް ތިލަފުށީ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. މިކުލިނިކްގެ މަސައްކަތް ގާތްގަނޑަކަށް 4 މަހެއްހާ ދުވަހުގެ ތެރޭގައި އޮޕަރޭޓް ކުރެވޭ ވަރުވެގެންދާނެކަމަށް ތިލަފުށީ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. ތިލަފުށީގައި މަސައްކަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި އެރަށުގައި ފުލުންގެ ޚިދުމަތްވެސް ލިބެމުންދާކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.