ޚަބަރު

ޖިނީންގައި އަށް އަހަރުގެ ކުޑަކުއްޖަކާއި ޒުވާނަކު ޝަހީދު ކޮށްލައިފި


ޔަހޫދީ ސިފައިން ހުޅަނގު އައްސޭރީގެ ޖިނީނަށް އަރައި ހިންގި ލާއިންސާނީ އުދުވާނެއްގައި ފަލަސްޠީނުގެ އަށް އަހަރުގެ ކުޑަކުއްޖަކާއި ޒުވާން އުމުރުފުރައިގެ ކުއްޖަކު ޝަހީދު ކޮށްލައިފިއެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ޔަހޫދީން ޝަހީދު ކޮށްލާފައި ވަނީ އަށް އަހަރުގެ އާދަމް އަލް-ޣޫލީއާއި 15 އަހަރުގެ ބިސްމު އަބޫ އަލް-ވަފާ ކަމުގައެވެ.

އެ ދެ ކުދިން ޝަހީދު ކޮށްލާފައި ވަނީ ބަޑީގެ ހަމަލަތަކެއްގައި ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ. ޢާންމު ކޮށްފައިވާ ސީ.ސީ.ޓީ.ވީ ވީޑިޔޯއިން ފެންނަނީ، މަގުމަތީގައި ތިބި ކުޑަކުދިންތަކަކަށް އަމާޒުކޮށް ޔަހޫދީ ސިފައިން ބަޑީގެ ހަމަލަތަކެއްދޭ މަންޒަރެވެ. އަދި، އެ ތަނުގައި ހުރި އަށް އަހަރުގެ އަލް-ޢޫލީގެ ހަށިގަނޑަށް އުންޑައެއް އަރައި އޭނާ ޝަހީދުވެގެން ވެއްޓޭ މަންޒަރެވެ. އަދި، އޭނާއާ އެކު ހުރި އެހެން ކުދިން ފިލަން ދުއްވައިގަންނަ މަންޒަރެވެ.

15 އަހަރުގެ އަލް-ވަފާ ޝަހީދު ކޮށްލަން ޔަހޫދީ ޖައްބާރު ސިފައިން ދީފައިވާ ހަމަލާގެ މަންޒަރު ފެންނަ ވީޑިޔޯ ވެސް ވަނީ ޢާންމު ކޮށްފައެވެ. އެ ވީޑިޔޯއިން ފެންނަނީ، އޭނާގެ ހަށިގަނޑަށް އުންޑައެއް އެރުމުން، އޭނާ މަގުމައްޗަށް ވެއްޓި، އެހީއެއް އެގި ދޮވަމުންދާ މަންޒަރެވެ. ކުޑަ ހިނދުކޮޅެއް ފަހުން ފެނިގެން ދަނީ އޭނާއަށް އަމާޒުކޮށް ޔަހޫދީ ސިފައިން ބަޑީގެ ހަމަލަތަކެއް ދީ އޭނާ ޝަހީދު ކޮށްލާ މަންޒަރެވެ.

ޔަހޫދީންގެ މި ރަޙުމު ކުޑަ ހަމަލަތައް ދީފައި ވަނީ، ޖިނީންގެ މައި މަގުތަކާއި ވަކިން އޮންނަ މަގެއްގައެވެ. އެއީ، ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީ.އޭ)ގެ އިހުތިސާސްގެ ދަށުގައި އޮންނަ މަގެކެވެ. އެއީ، ޔަހޫދީ ސިފައިންނަށް އެރައި އުދުވާން ހިންގުން މަނާ ސަރަޙައްދެއްގައި ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ގަތުލުއާންމާ އެކު އެކީގައި އެ މީހުން ވަނީ ހުޅަނގު އައްސޭރީގައި ހިންގާ އުދުވާންތައް ވެސް އިތުރު ކޮށްފައެވެ. އެ ދުވަހުން ފެށިގެން ހިންގަމުންދާ އުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 240 އަށް އަރާފައެވެ. އެ މީހުން ގަތުލު ކުރުމުގެ ފަހަތުގައި ތިބީ ޔަހޫދީ ސިފައިންނާއި، ފަލަސްޠީނުގެ ބިންތަކުގައި ވެރިވެގަނެގެން އުޅޭ ޔަހޫދީންގެ ޢާންމުންނެވެ.