ޚަބަރު

ތުރުކީއާއި ރާއްޖޭގެ ގުޅުމުގެ އައު ސަފްހާއެއް ހުޅުވި، ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ: ރައީސުލްޖުމްހޫރިއްޔާ


  • މި ދަތުރުފުޅުގައި ތުރުކީގެ ރައީސާއެކު ރަސްމީ ވާހަކަފުޅުތައް ބޭއްވެވި

  • ރާއްޖެއަށް އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް ގެނައުމަށް މަަޝްވަރާކުރެއްވި

  • ތުރުކީގައި އުޅޭ ދިވެހިންނާއިވެސް ރައީސް ބައްދަލުކުރެއްވި

ތުރުކީއަަށް ކުރެއްްވި ރަސްމީ ދަތުރުފުޅާއެކު ދެގައުމުގެ ގުޅުމުގެ އައު ސަފްހާއެއް ހުޅުވި، ކުރިއަށް އޮތްތަނުގައި ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރމ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތުރުކީއަށް ކުރެއްްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުން ތުރުކީއަށް ވަޑައިގަތީ މިމަހުގެ 26 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ތުރުކީއަށް ވަޑައިގެންނެވީ ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދަޢުވަތަކަށެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ތުރުކީން ފުރާވަޑައިގަންނަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދަތުރުގެ ސަބަބުން ރާއްޖެއާއި ތުރުކީގެ ބަދަހި ގުޅުމުގެ މުޅިން އައު ސަފްހާއެއް ހުޅުވިގެންދާނޭކަމަށެވެ . އަދި އެއާއެކު އެކި ދާއިރާތަކުން ކުރިއަށް އޮތްތަނުގައި އެއްބާރުލުމާއި އެހީތެރިކަން އިތުރަށް ލިބިގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ދަތުރުފުޅުގައި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާނާއި ބައްދަލުކުރައްވާ ރަސްމީ ވާހަކަފުޅުތައް ބޭއްވެވިއެވެ. ރަސްމީ ވާހަކަފުޅުގައި، ރާއްޖެއާއި ތުރުކީވިލާތާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް ވަރުގަދަކަން ފާހަގަ ކުރައްވައި، މި ގުޅުން އިތުރަށް ފުޅާކުރުމަށް ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓާއި، އިޢާދަކުރަނިވި ހަކަތައާއި، މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ތުރުކީވިލާތުގެ ރައީސް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަށް ތުރުކީވިލާތް ޚިޔާރުކުރެއްވުމަކީ އެމަނިކުފާނަށާއި، އެޤައުމުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމުގައި ރައީސް އުރުދުޣާން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި އެ ގައުމުގެ ނައިބު ރައީސާއި އެކި އެކި ވަޒީރުންނާއެކުވެސް ވަކި ވަކި މަޝްވަރާތަކެއް ބޭއްވެވިއެވެ. އަދި ގައުމީ ތަރައްގީގެ އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ހޯދައި، ގުޅުން ބަދަހިކުރުމަށް މި ބައްދަލުވުންތަކުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ތުރުކީގެ ރައީސްގެ އިތުރުން އިގްތިސާދީ، އިޖްތިމާއި އަދި އުމްރާނީ ތަރައްގީގެ ދާއިރާތަކާއި ގުޅޭ ވަޒީރުންނާއި ބައްދަލުކުރައްވައި، މުހިއްމު މަޝްވަރާތަކެއް ބޭއްވެވިއެވެ. އަދި ތުރުކީގައި އުޅޭ ދިވެހިންނާއި ބައްދަލުކުރައްވައި، އެ ފަރާތްތަކަށް ދަތިވާ ކަންކަން އޮޅުންފިލުއްވައި، އެކަންކަން ހައްލުކޮށްދެއްވަން މަސައްކަތް ކުރައްވާނޭކަމުގެ ޔަގީންކަން ރައީސުލްޖުމްހުރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ސަޖިދާ މުހައްމަދުގެ އިތުރުން ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ ތުރުކީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، 30 ނޮވެމްބަރު 2023ގައި ޔުނައިޓެޑް އެރެބް އެމިރެޓްސް (ޔޫ.އޭ.އީ)ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް-28) ގައި ބައިވެރިވެވަޑައިގަތުމަށް ފަހުގައެވެ.