ޚަބަރު

އެއާރލައިންތަކުން 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވޭ


ރާއްޖެއަށް އޮޕަރޭޓްކުރާ ބޭރުގެ 33 އެއާރލައިނާއި ރާއްޖޭގެ 2 އެއާރލައިނުން ފާއިތުވި އަހަރު 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ގެނައި ކަމަށް ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިފަތުރުވެރިން އެ އެއާރލައިންތަކުގެ ބޯޓުތަކުން ރާއްޖެ ގެނައީ ބޭރުގެއެކި ޤައުމުތަކުގެ އެކިއެކި މަންޒިލްތަކުންކަން ޓޫރިޒަމް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ އެއަރލައިން ސައުދިއާ އިން ރާއްޖެއަށް ރަސްމީ ދަތުރުތައް ފެށުން ފާހަގަކުރުމުގެ ގޮތުން ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި މޫސާ ޒަމީރު ވިދާޅުވީ ސައުދިއާ އިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމުން މިއަދަދު އިތުރުވެގެން ދާނެކަމަށެވެ. ޚާއްޞަކޮށް ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެ އަންނަ ފަތުރުވެރިން އަހަރުން އަހަރަށް އިތުރުވަމުންދާ ދަނޑިވަޅެއްގައި ސައުދިއާގެ ދަތުރުތައް ރާއްޖެއަށް ފެށުމުން އެޢަދަދު އެތަށްގުނައެއް އިތުރުވެގެން ދާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައުދިއާ އެއާލައިންގެ ޑިރެކްޓަރު ޖެނެރަލް ސާލިހް އަލް ޖައްސީރު ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ގިނަ އަދަދެއްގެ ފަތުރުވެރިން ސައުދީގައި ތިބިކަމަށެވެ. އަދި ސައުދިޔާގެ ސަބަބުން މައްކާގެ މަތިވެރި ބިމަށް ދާންބޭނުންވާ ދިވެހިންނަށްވެސް ގިނައަދަދެއްގެ ފަސޭހަ ފުރުޞަތުތަކެއް ލިބިގެން ދާނެކަމަށް ޞާލިހް ވިދާޅުވިއެވެ. ސައުދިއާ އިން ރިއާޒާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ، ޓެކްސްއާއިނުލާ 589 ޑޮލަރަށެވެ. އެ އެއަރލައިން މެދުވެރިކޮށް ސައޫދީ ޢަރަބިއްޔާގެ އިތުރުން ޔޫރަޕަށާއި އެމެރިކާއަށްވެސް ދަތުރު ކުރެވޭނެ ކަމަށް އެއެއަރލައިނުން މަޢުލޫމާތުދެއެވެ. ސައުދިޔާގެ ސީދާ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ގޮތުން އެ އެއަރލައިންގެ ފުރަތަމަ ފްލައިޓް ރާއްޖެއައީ އިއްޔެ ހެނދުނެވެ.