ޚަބަރު

އަލީ ވަހީދު ބަންދުކުރި މައްސަލާގައި އިނގިރޭސި ސަރުކާރުން ބަދަލުދެނީ


  • އަލީ ވަހީދު ހައްޔަރުކުރީ އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގާނޫނާ ހިލާފުވި ކަމުގެ ތުހުމަތުގައި

  • އަލީ ވަހީދު ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް އެއްބަސްވި

  • 20،000 ސްޓާލިން ޕައުންޑް ނުވަތަ 389،351 ރުފިޔާ ދިނުމަށް ވަނީ ނިންމާފައި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުގައި ހައްޔަރުކުރި މައްސަލާގައި އޭނާގެ ކިބައިން މާފަށްއެދި، ގެއްލުމުގެ ބަދަލުގެ ގޮތުގައި 20،000 ޕައުންޑު ނުވަތަ 389،351 ރުފިޔާ ދިނުމަށް އިނގިރޭސި ސަރުކާރުން ނިންމައިފިއެވެ.

އަލީ ވަހީދު އިނގިރޭސިވިލާތުގައި ހައްޔަރުކުރީ އެ ގައުމުގެ އިމިގްރޭޝަން ގާނޫނާ ޚިލާފުވި ކަމުގެ ތުހުމަތުގައި 2011 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ނަމަވެސް އެ ގައުމުގެ ފުލުހުން ފަހުން ވަނީ އަލީ ވަހީދު ދޫކޮށްލާފައެވެ.

އަލީ ވަހީދު ހައްޔަރުކޮށް ދޫކޮށްލި ނަމަވެސް އޭނާގެ ރާއްޖޭގެ ގާނޫނީ ޓީމާއި އިނގިރޭސިވިލާތުން އެކުލަވާލި ގާނޫނީ ޓީމުން ވަނީ އަލީ ވަހީދު ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމަށް ކަމާ ގުޅޭ އިދާރާތަކަށް މައްސަލަ ހުށަހަޅާފައެވެ. އަލީ ވަހީދުގެ ޤާނޫނީ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނީ ގުޅިފައިވާ ވަކީލުންގެ ޓީމުން ކުރިބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ނުހަނު އަވަހަށް އަލީ ވަހީދު ބަންދުން މިނިވަންވެގެން ދިއުމުގެ އިތުރަށް އޭނާ ބަންދުކުރީވެސް އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، އިނގިރޭސިވިލާތުގެ ގާނޫނާ ވެސް ހިލާފަށްކަމަށެވެ.

އަދި މިމައްސަލައިގައި އިނގިރޭސި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން އަލީ ވަހީދު ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް އެއްބަސްވެ އެކަމަށް މައާފަށް އެދިފައިކަމަށް ބަޔާނުގައި ބުންޏެވެ. އަދި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 20،000 ސްޓާލިން ޕައުންޑް ނުވަތަ 389،351 ރުފިޔާ ދިނުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާކަމަށް އެ ބަޔާނުގައި ބުންޏެވެ.

އަލީ ވަހީދު އިނގިރޭސިވިލާތުން ހައްޔަރުކުރީ އޭނާ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނިކޮށް ސިއްހީ ފަރުވާއަށް އެ ގައުމަށް ވަޑައިގެންނެވި ފަހުންނެވެ. ނަމަވެސް އަލީ ވަހީދަށް ކުރި ދައުވާތައް މިއަހަރުގެ ޖޫން ހަވަނަ ދުވަހު ދައުލަތުން އަނބުރާ ގެންދިއުމާ ގުޅިގެން އަލީ ވަހީދު ވަނީ މިއަހަރުގެ ޖުލައި 11 ވަނަ ދުވަހު ރާއްޖެ ވަޑައިގެންފައެވެ.