ޚަބަރު

އެމެރިކާގައި ފަލަސްޠީނުގެ ތިން މީހުންނަށް ބަޑިން ހަމަލަދީފި


އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ވަރމޮންޓްގައި ތަޢުލީމު ހާސިލު ކުރަމުންދާ ފަލަސްޠީނުގެ ތިން މީހުންނަށް ބަޑިން ހަމަލަދީ ޒަޚަމު ކޮށްލައިފިއެވެ. ބަރލިންގްޓަންގައި ދީފައިވާ މި ހަމަލާގެ ފަހަތުގައި ވަނީ ޖޭސަން ޖޭ. އީޓަން ކިޔާ މީހެކެވެ. ބަރލިންގްޓަންގެ ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.

48 އަހަރުގެ އީޓަން، ފަލަސްޠީން ދަރިކޮޅަށް ނިސްބަތްވާ ތިން މީހުންނަށް ބަޑިން ހަމަލަ ދީފައި ވަނީ ޔުނިވަރސިޓީ އޮފް ވަރމޮންޓް ކައިރީގައެވެ. މި ރަޙުމު ކުޑަ ހަމަލާގައި ޒަޚަމުވެފައި ވަނީ ހިޝާމް އަވްރަތާނީއާއި، ކުނާން ޢަބްދުލްޙަމީދާއި، ތަޙްސީން އަޙްމަދެވެ. އެ ތިން މީހުންނަށް ވެސް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން މިހާރު ދަނީ ފަރުވާ ދެމުންނެވެ.

އޭގެ ތެރެއިން ދެ މީހަކީ އެމެރިކާގެ ރަށްވެހިކަން ލިބިފައިވާ ފަލަސްޠީން ދަރިކޮޅަށް ނިސްބަތްވާ ދެ މީހެކެވެ. އަދި، ތިންވަނަ މީހަކީ ޤަވާޢިދާ އެއްގޮތަށް އެމެރިކާގައި ދިރިއުޅޭމުންދާ ފަލަސްޠީނުގެ ރައްޔިތެކެވެ. އެ މީހުން ބަރލިންގްޓަނަށް ގޮސްފައި ވަނީ، އެ މީހުންގެ ޢާއިލާގެ މެންބަރުންނާ އެކު ޗުއްޓީ ހޭދަ ކުރުމަށް ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ބަރލިންގްޓަންގެ ފުލުހުން ބުނީ، މިއީ ނަފުރަތުގެ ކުށެއްގެ ގޮތުގައި ތަހުޤީޤު ކުރަމުންދާ ކަމުގައެވެ. "ބައިނަލްއަޤުވާމީ މަސްރަޙުގެ އަދުގެ ހާލަތަށް ބަލާއިރު، މިއީ ނަފްރަތުގެ ކުށެއްގެ ގޮތުގައި ބެލުން ނޫން އިތުރު ގޮތެއް ނުފެނޭ. މި ތަހުޤީޤަށް އެންމެ ބޮޑު އިސްކަމެއް ދޭނަން،" ބަރލިންގްޓަންގެ ފުލުހުންގެ އިދާރާގެ އިސްވެރިޔާ ޖޮން މުރާދް ވިދާޅުވިއެވެ.

މި ހަމަލައާ ގުޅޭ ގޮތުން އެމެރިކަން-ޢަރަބް ޑިސްކްރިމިނޭޝަން ކޮމިޓީ (އޭ.ޑީ.ސީ)ން ބުނީ، އެ ތިން މީހުންނަށް ބަޑިން ހަމަލަ ދީފައި ވަނީ، އެއީ ޢަރަބި ދަރިކޮޅުގެ މީހުންނަށް ވުމުން ކަމަށް ބެލެވޭ ކަމުގައެވެ. އަދި، މިހާތަނަށް ލިބިފައިވާ މަޢުލޫމާތައް ބަލާއިރު، އެ ތިން މީހުންނަށް ހަމަލަދީފައި ވަނީ ޢަރަބިން ވާހަކަ ދެއްކުމުގެ އިތުރުން ބޮލުގައި 'ކޫފިއްޔާ' އަޅައިގެން ތިބުމުން ކަމަށް ބެލެވޭ ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުންޏެވެ.

ފަލަސްޠީނުގެ ތިން މީހަކަށް ބަޑިން ހަމަލަ ދީފައި މި ވަނީ، ފަލަސްޠީނުގެ ރައްޔިތުންނާ މެދު އެމެރިކާގެ ރައްޔިތުންގެ ހިތްތަކުގައި އޮތް ނަފްރަތު އިތުރުވަމުންދާ ދަނޑިވަޅެއްގައި ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އަދި، ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދު ކުރަމުންދާ މީހުންގެ ޢަދަދު އެތަކެއް ހާހަކަށް އިތުރުވަމުން ދިޔަ ނަމަވެސް، އެމެރިކާގެ ބައެއް ރައްޔިތުންގެ މެދުގައި މުސްލިމުންނާ މެދު އޮތް ނަފުރަތު އިތުރުވެފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.

ފަލަސްޠީނާ ދެކޮޅު މީހުންގެ ތެރޭގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ސިޔާސީ ވެރިންނާއި، އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރުން ވެސް ހިމެނެއެވެ. ހުސްވި މަހު އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ އިލިނޯއިގައި ފަލަސްޠީން ދަރިކޮޅަށް ނިސްބަތްވާ ކުޑަ ކުއްޖަކަށް ވަޅިން ހަމަލަދީ ވަނީ ޝަހީދު ކޮށްލާފައެވެ. އުމުރުން ހަ އަހަރުގެ ވަދީޢު ފައްޔޫމްގެ ހަށިގަނޑަށް 26 ފަހަރު ވަޅި ޖަހާފައިވެއެވެ. އެ ކުއްޖާއަށް ހަމަލަދީ ޝަހީދު ކޮށްލުމުގެ ފަހަތުގައި ހުރީ އޭނާގެ ޢާއިލާ ކުއްޔަށް ދިރިއުޅޭ ގޭގެ ވެރިމީހާއެވެ.