ޚަބަރު

"މުސްލިމުންގެ ލެއިން ޣައްޒާ ޣަރަޤު ކޮށްގެން ޔަހޫދީންނަށް ލިބޭނެ ރައްކާތެރިކަމެއް ނޯންނާނެ"


ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އުދުވާންތަކެއް ހިންގައި، ޣައްޒާގެ މަގުތައް މުސްލިމުންގެ ލެއިން ޣަރަޤު ކޮށްގެން ޔަހޫދީންނަށް ލިބޭނެ ރައްކާތެރިކަމެއް ނޯންނާނެ ކަމުގައި ރަޝިޔާއިން ބުނެފިއެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން މިހާރު ހިންގަމުންދާ ލާއިންސާނީ އުދުވާނާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންގެ އިސް މުޝީރެއް ކަމުގައިވާ ޔޫރީ އުޝަކޮފް ވިދާޅުވީ މުސްލިމުންގެ ލެއިން ޣައްޒާ ޣަރަޤުކޮށްގެން ޒަޔަނިސްޓު އިސްރާޢީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށް ގަބޫލު ކުރުމަކީ ކުށްހީއެއް ކަމުގައެވެ.

"ޙަމާސް [ޖަމާޢަތުގެ] ބޯ ކަނޑައިލައިގެންނާއި، ޣައްޒާ ލެއިން ޣަރަޤުކޮށްގެން އިސްރާޢީލަށް އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރެއް ނުކުރެވޭނެ. ޔަހޫދީންނާ ދެކޮޅަށް އޮތް ނަފުރަތު ދުވަސްކޮޅެއް ފަހުން ކޮޅުންލައި، އައު ހިތްވަރަކާ އެކު [ފަލަސްޠީނުގެ މުޖާހިދުން] ޔަހޫދީންނާ ދެކޮޅަށް ތެދުވާނެ. އެއީ ބަދަލު ނުކުރެވޭނެ ހަޤީޤަތެއް،" އުޝަކޮފް ވިދާޅުވިއެވެ.

ރަޝިޔާގެ ދައުލަތުގެ މީޑިޔާ ތާސްއަށް ދިން ބަސްދީގަތުމެއްގައި އުޝަކޮފް ވިދާޅުވީ ފަލަސްޠީނުގެ މިނިވަންކަމާ ގުޅޭ މައްސަލައަކީ މުޅި ދުނިޔެއަށް އެ ކަމުގެ އަސަރު ކުރާ މައްސަލައެއް ކަމުގައެވެ. އަދި، މުޖާޙިދުންގެ ހަރަކާތްތައް ހުއްޓުވަން އަސްކަރީ ބާރުގެ ބޭނުންކޮށްގެން ޔަހޫދީން ކުރަމުންދާ މަސައްކަތްތައް ފޭލުވެފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަދި، މިހާރު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުން އެ ކަން ސާފުކޮށް ހާމަވެގެން ގޮސްފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ފަލަސްޠީން-އިސްރާޢީލް ހަމަނުޖެހުމަށް އޮތް ހަމައެކަނި ހައްލަކީ، ޔަހޫދީންނާއި މުސްލިމުންގެ މިނިވަން ދެ ދަޢުލަތް ގާއިމު ކުރުމުގެ ފުރުޞަތު ދިނުން ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، މި ކަން ކުރަން ޖެހޭނީ ބޭރުގެ ނުފޫޒާ ނުލައި ކަމަށާއި، މި ކަމުގެ ތެރެއަށް އަތްބޭނުމުގެ ފުރުޞަތު އެމެރިކާއަށް ދީގެން ނުވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ލާއިންސާނީ އުދުވާނެއް ފެށުމާ އެކު ރަޝިޔާއިން ވަނީ ޒަޔަނިސްޓު އިސްރާޢީލުގެ އިސްތިޢުމާރީ ބާރުގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި، އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ އުދުވާނެއް ކަމުގައި ރަޝިޔާއިން ސިފަ ކުރެއެވެ.

ޕުޓިން ވެސް ވަނީ މި މައްސަލައަށް ދާއިމީ ސިޔާސީ ހައްލެއް ހޯދައިދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢު އެއް ގަލަކަށް އެރުމަށް ގޮވައިލައްވާފައެވެ. "[މި މައްސަލައާ މެދު] ރަޝިޔާއިން ދެކޭ ގޮތަށް ބަދަލެއް ނާދޭ. އަޅުގަނޑުމެން މި ގޮވައިލަނީ މި މައްސަލައަށް ދާއިމީ ހަލެއް ހޯދައިދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢު އެއް ގަލަކަށް އަރައި، ގުޅިގެން މަސައްކަތް ކުރުމަށް. ހަމަލަ ބަދަލު ކުރުން ދާއިމަށް ހުއްޓައިލުމަށް. މި މައްސަލައަށް ސިޔާސީ ހައްލެއް ހޯދުމަށް،" ދާދި ފަހުން ބޭއްވި ބްރިކްސްގެ މެންބަރު ޤައުމުތަކުގެ ސަމިޓެއްގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވިއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީން ފެށި އުދުވާންތައް މި ވަގުތު އޮތީ ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ. މި ކަމާ ގުޅޭ ގޮތުން ހަތަރު ދުވަހުގެ އެއްބަސްވުމެއް އެކުލަވައިލުމަށް ފަހު،
އަންގާރަ ދުވަހު އެ އެއްބަސްވުމުގެ މުއްދަތު އިތުރު ދެ ދުވަހަށް ވަނީ ދަންމައިލާފައެވެ. އެ އެއްބަސްވުމުގެ ދަށުން ޙަމާސް ޖަމާޢަތާއި ޔަހޫދީ އިސްރާޢީލާ ދެމެދު ދަނީ އަސީރުން ބަދަލު ކުރަމުންނެވެ.