ޚަބަރު

އޭ.ޕީ.ޕީ.ޖީ ވަފުދުގެ ދަތުރުން ގިނަކަންތައްތަކެއް ހާމަވެއްޖެ


އޯލް ޕާރޓީ ބްރިޓިޝް- މޯލްޑިވްސް ޕާލިމެންޓްރީ ގްރޫޕްގެ ރިޕޯޓްގެ ސަބަބުން، ރާއްޖޭގެ ކަންތައްތަކުގެ ޙަޤީޤަތް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ހާމަވެގެން ހިނގައްޖެކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

މިދިޔަ ފެބުރުއަރީ މަހު އޭ.ޕީ.ޕީ.ޖީ ވަފުދު ރާއްޖެއަށް ކުރި ދަތުރަށްފަހު އެނބުރި އިނގިރޭސިވިލާތަށް ގޮސް، ނެރުނު ރިޕޯޓާ ބެހޭގޮތުން ޕީ.އެސް.އެމްއާ ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ، ކުރީގެ ރައީސް ނަޝީދުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން ބަސްބުނަމުންދާތީ ކަންބޮޑުވާކަމަށާއި، މިނިވަން ޖުޑީޝަރީއަކުން ޙުކުމްކުރައްވާފައިވާ ކުށްވެރިއެއްގެ މައްސަލައިގެ ތެރެއަށް އިނގިރޭސި ސަރުކާރުން ޚުދޫދުން ބޭރުން ބާރު ނުފޯރުވުމަށް ބްރިޓިޝް މޯލްޑިވްސް ޕާލިމެންޓްރީ ގްރޫޕްގެ ވަފްދުގެ ބޭފުޅުން ގޮވާލެއްވުމުން، ކުރިން އޮޅުން އަރާފައިވާ ގިނަ ކަންކަން ދުނިޔެއަށް ހާމަވެގެން ހިނގައްޖެކަމަށެވެ.

ދުންޔާ ވިދާޅުވީ، ދިވެހި ސަރުކާރުން ކަންކަން ފޮރުއްވަން މަސައްކަތް ނުކުރައްވާކަމަށާއި، ހުރިހައި ކަމެއްވެސް ގެންދަނީ، ދެފުށް ފެންނަ ގޮތަކައް ކަމަށެވެ. އަދި މިކަންކަން ކައިރިން ބެލުމަށް، ބޭރުގެ އެކި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެމްބަރުންނަށާއި، ބޭރުގެ މީޑީއާތަކައް ދަޢުވަތު ދެއްވާފައިވާކަމަށް ދުންޔާ ވިދާޅުވިއެވެ.

ރާއްޖެއަށް ކުރެއްވި ދަތުރުގައި ފާހަގަކުރެއްވުނު ކަންކަމުގެ މަޗަށް އޭ.ޕީ.ޕީ.ޖީގެ ވަފްދުގެ ބޭފުޅުން ނެރުއްވި ރިޕޯޓުގައި ދިވެހި ރާއްޖޭގެ ޖުޑީޝަރީގެ މިނިވަންކަން ތަންފީޒީ ބާރުން ފުރިހަމައަށް ކަށަވަރުކުރައްވައިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ރައީސް ނަޝީދުގެ މައްޗަށް ހިންގަވާފައިވާ ޝަރީޢަތަކީ ޤާނޫނުގައި ކަނޑައެޅިގެން ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް، ޤާނޫނީ ތަރަހައިގެ ބޭރުން ކޮށްފައިވާތީ ހިންގާފައިވާ ޝަރީޢަތެއްކަމަށް ވިދާޅުވެފައިވެއެވެ.