ޚަބަރު

ޔަހޫދީންގެ އާގުބޯޓަކަށް ޑްރޯން ހަމަލައެއް ދީފި


އިންޑިޔާ ކަނޑުގައި ދަތުރު ކުރަމުން ދިޔަ ޒަޔަނިސްޓު އިސްރާޢީލުގެ ކުންފުންޏަކުން އޮޕަރޭޓްކުރާ އާގުބޯޓަކަށް ޑްރޯން ހަމަލައެއް ދީފިއެވެ. އެމެރިކާގެ ދިފާޢީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ، އިސްރާޢީލުގެ އާގުބޯޓަށް ހަމަލަ ދިނުމުގެ ފަހަތުގައި އޮތީ އީރާން ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، މި ހަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައެވެ.

މި ހާދިސާ ހިނގާފައި ވަނީ އިންޑިޔާ ކަނޑުގެ އިރުމަތީގެ ސަރަޙައްދެއްގައެވެ. ނަމަވެސް، އެއީ ކޮން ސަރަޙައްދެއްކަން އެމެރިކާގެ ދިފާޢީ ވުޒާރާއިން ވެސް، އަދި ޒަޔަނިސްޓު އިސްރާޢީލުން ވެސް ހާމަކޮށްފައެއް ނުވެއެވެ. މި ހާދިސާގައި ބޯޓަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާގެ އޮފިޝަލް ވިދާޅުވީ، ބޯޓަށް ހަމަލަ ދިނުމަށް ބޭނުން ކޮށްފައި ވަނީ އީރާނުން އުފައްދާ 'ޝާހިދް-136' މަރުކާގެ ޑްރޯނެއް ކަމަށް ބެލެވޭ ކަމުގައެވެ. ރަޝިޔާގެ އަސްކަރިއްޔާއަށް އީރާނުން އެ މަރުކާގެ ޑްރޯންތަކެއް ވިއްކާފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ހަމަލަ ދީފައިވާ އުޅަނދަކީ މޯލްޓާގެ ދިދައިގެ ދަށުން ދަތުރުކުރާ 'މެޔިތް'ގެ ނަން ދީފައިވާ އުޅަނދެކެވެ.

މި ހާދިސާ ހިނގި އިރު މެޔިތް އޮތީ ސިންގަޕޫރުގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެއް ކަމުގައިވާ އީސްޓަރން ޕެސިފިކް ޝިޕިންގް (އީ.ޕީ.އެސް)އަށް ކުއްޔަށް ދޫކޮށްފައެވެ. އީ.ޕީ.އެސްއަކީ އިސްރާޢީލުގެ މަހުޖަނެއް ކަމުގައިވާ އިދާން އޮފެރްގެ ކުންފުންޏެކެވެ. އޭނާގެ ކުންފުނިތަކުގެ އުޅަނދުފަހަރަށް މީގެ ކުރިން ވެސް މި ފަދަ ހަމަލަތައް އަމާޒު ކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

މި ހާދިސާ ހިނގާފައި މި ވަނީ، ޒަޔަނިސްޓު އިސްރާޢީލުގެ ކުންފުނިތަކުގެ އާގުބޯޓުތަކަށް ނުރައްކާތެރި ކަން އިތުރު ވެފައިވާ ދަނޑިވަޅެއްގައެވެ. ޒަޔަނިސްޓު އިސްރާޢީލުގެ އުޅަނދުފަހަރަށް އޮތް ނުރައްކާ އިތުރު ވެފައި މި ވަނީ، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ފަށާފައިވާ ލާއިންސާނީ ގަތުލުއާންމާ ގުޅިގެންނެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތެއް ކަމުގައިވާ ހޫޘީން ވެސް ދާދި ފަހުން އިސްރާޢީލުގެ އާގުބޯޓެއް ރަހީނު ކޮށްފައިވެއެވެ. އެ ހާދިސާގެ ފަހަތުގައި ވެސް އޮތީ އީރާން ކަމަށް ޔަހޫދީން ތުހުމަތު ކުރެއެވެ. އީރާނުން މި ތުހުމަތުތަކާ ގުޅިގެން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، "ޓެރެރިޒަމް"ގެ މި ފަދަ އަމަލުތަކުގައި ބައިވެރިނުވާ ކަމުގައި އީރާނުން ކުރިން ބުނެފައިވެއެވެ.