ދިވެހިންގެ ފަރާތުން ޣައްޒާގެ ރައްޔިތުންނަށް ފޮނުވި އެހީގެ ލޮރީތައް ޣައްޒާއަށް ވަދެއްޖެއެވެ. މިއެހީ ފޯރުކޮށްދީފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މެދުވެރިކޮށެވެ. އައިއޭސީން ބުނެފައިވަނި މި އެހީއަކީ، ދިވެހިރާއްޖެއާއި އިތުރު 4 އެންޖީއޯއެއް ހިމެނޭ ކޯލިޝަނަކުން ފޯރުކޮށްދިން އެހީކަމަށެވެ.
40 ފޫޓުގެ 6 ޓްރަކްގެ އެހީ ވަނީ ޣައްޒާއަށް ވައްދާފައެވެ. މިއީ ހަނގުރާމަ ފެށިފަހުން، ޣާއްޒާގެ ބޭރުން އެހީ ވެއްދުމުގެ ފުރުޞަތު ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ. މި އެހީ ވައްދާފައިވަނި މިސްރު މަގުންނެވެ. މިގޮތަށް އެހީ ވެއްދުމުގެ ފުރުޞަތު ލިބެނީ، ބޯޑަރުތައް ބޭރުގައި އެތަށް ދުވަހަކު މަޑުކުރުމަށް ފަހުގައެވެ.
އައިއޭސިން ބުނީ އެހީގެގޮތުގައި ގޮތުގައި ފޮނުވައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ، ސިއްޙީ އެހީދިނުމަށް ބޭނުންވާ ތަކެތި ހިމެނޭ 3 ލޮރީއާއި، 2 ލޮރީގެ ބޯފެނާއި، 1 ލޮރީގައި ގޮދަން ފުއްކަމަށެވެ. ދިވެހިރާއްޖެއިން ދޭ އެހީގެ ގޮތުގައި 1 ލައްކަ ޑޮލަރުގެ ސާމާނު މި އެހީފައި ހިމެނޭކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއިން ބުނެއެވެ.
މީގެކުރީގައި އެހީ ފޯރުކޮށްދެމުން އައީ، ޣައްޒާގެ ތެރެއިން ލިބެން ހުރި ތަކެތި ހޯދާ، އެހީ ބޭނުންވާ ސަރަޙައްދުތަކަށް ފޮނުވައިގެންނެވެ. ނަމަވެސް މިއީ، މިސްރު މަގުން ރާއްޖޭގެ އެހީ ޣައްޒާއަށް ފޮނުވި ފުރަތަމަ ފަހަރެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނީ، މި އެހީގެ ޓްރަކްތައް ފުރަތަަމަ ވަނީ އިސްރާއިލު ފަޅިންކަމަށެވެ. އެއަށްފަހު އެ ތަކެތި ބޯޑަރުތަކުގައި ޗެކުކުރުމަށްފަހު، އެހެން ޓްރަކްޓަކަކަށް ބަދަލުކޮށްފައިވާކަމަށް އައިއޭސީން ބުންޏެވެ. މިހާރު މި ތަކެތި ވަނީ، ކަރީމް އަބޫ ސާލިޙް މަގުން ޣައްޒާއަށް ވައްދާފައެވެ. ކުރިއަށް މިއޮތް ދުވަސްތަކުގައި މި ތަކެތި ޣައްޒާގެ ރައްޔިތުންނަށް ބެހުމުގެ މަސައްކަތްތައް، ޣައްޒާގެ އެތެރޭގައި ތިބި އައިއޭސީއާއި އެންޖީއޯތަކުގެ ޓީމްތަކުން ކުރިއަށްގެންދާނެކަމަށް އެ ޖަމިއްޔާއިން މަޢުލޫމާތުދެއެވެ.
މީގެއިތުރުންވެސް، އިތުރު އެހީގެ ލޮރީތައް އެހީ ވެއްދުމަށް ތައްޔާރަށް އޮތްކަމަށް އައިއޭސީއިން ބުނެއެވެ.
އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން، ޔަހޫދީ އިސްރާއިލުން ފަލަސްޠީނަށް އަންނަނީ ލާއިންސާނީ ބޮޑެތި ޙަމަލާތަކެއް ދެމުންނެވެ. މި ޙަމަލާތަކުގައި 14000އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި 6000އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.
މި ހަމަލާތަކާ ގުޅިގެން ޙާލުގައި ޖެހިފައިވަ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް، އައިއޭސީން ވަނީ ޣައްޒާގެ ތެރެއިން ލިބެން ހުރި ތަކެތި އެހީގެ ގޮތުގައި، ރައްޔިތުންނަށް ފޯރުކޮށްދީފައެވެ. އެގޮތުން ހޮސްޕިޓަލްތަކާއި ރެސްކިއު ޓީމްތަކަށް ބޭނުންވާ ތެލާއި އަދި ކާބޯތަކެތިވެސް ފޯރުކޮށްދިފައިވެއެއެވެ.