ޚަބަރު

ކޮޕީރައިޓާއި އެއާއި ގުޅޭ ހައްޤުތަކުގެ ޤާނޫނަށް ޚިޔާލު ހުށަހަޅަން ހުޅުވާލައިފި


  • މިޤާނޫނަށް އިސްލާހް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާގެ ހަފްތާ-14ގައިވަނީ ހިމަނާފައި

  • ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލް އެކުލަވާލުމުގެ މަސައްކަތްދަނީ ކުރަމުން

  • ޚިޔާލު ހުށައަޅާނީ 10 ޑިސެމްބަރުގެ 14:00ގެ ކުރިން

ކޮޕީރައިޓާއި އެއާއި ގުޅޭ އެހެނިހެން ހައްޤުތަކުގެ ޤާނޫނަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގައި ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތައް ޙިމާޔަތްކޮށްދީ ދިވެހި ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތައް ޙިމާޔަތްކުރުމަށްޓަކައި ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނަށް އިސްލާހް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހަފްތާ-14 މަގުޗާޓުގައިވަނީ ހިމަނުއްވާފައެވެ.

އެހެންކަމުން ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތައް ޙިމާޔަތްކޮށް އިހުނަށްވުރެ ފަހި މާހައުލެއް ކަށަވަރުކުރުމުގެ ގޮތުން މިހާރު ޢަމަލުކުރަމުންދާ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލް އެކުލަވާލުމުގެ މަސައްކަތް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ގެންދަވަނީ ކުރައްވަމުންނެވެ. އަދި ޤާނޫނަށް ގެންނަން ބޭނުންވާ އިސްލާހެއް ނުވަތަ ޚިޔާލެއްވާނަމަ ހުށަހެޅުމުގެ ފުރުސަތު އެވުޒާރާއިންވަނީ އާއްމުކޮށް ހުޅުއްވާލައްވާފައެވެ.

ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައްވާފައިވަނީ 10 ޑިސެމްބަރުވާ އާދިއްތަ ދުވަހު 2 ޖެހުމާ ހަމައަށެވެ. އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ އީމެއިލް މެދުވެރިކޮށްނާއި ލިއުމުން ޚިޔާލު ހުށަހެޅޭނެ ކަމަށެވެ. ލިއުމުން ޚިޔާލުތައް ފޮނުވާނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއަށެވެ. އީމެއިލްއިން ހުށަހަޅާ ލިއުންތައް ފޮނުވާނީ [email protected] އަށެވެ.

ކޮޕީރައިޓާއި އެއާއިގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުގެ ކޮޕީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ވެބްސައިޓް www.trade.gov.mv އިން ލިބެން ހުންނާނެ ކަމަށެ އެމިނިސްޓްރީން ވިދާޅުވެއެވެ.