ޚަބަރު

ފުށިދިއްގަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭންވަނީ ހަދާ ނިމިފައި: ޑރ. ޙައިދަރު


  • ފުށި ދިއްގަރުފަޅުން 75،000 ޢާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރު ވެގެންދާނެ

  • މިމަޝްރޫޢަކީ 20 އަހަރުގެ ޕްލޭނެއް އެކުލަވާލުމަށްފަހު، ކުރިއަށް ގެންދެވޭ މަޝްރޫޢެއް

ފުށިދިއްގަރުފަޅު ހިއްކާ، އެތަން ބޭނުންކުރާނޭ ގޮތުގެ ލޭންޑް ޔޫސް ޕްލޭނެއް މިހާރު އެކުލަވާލާ ނިމިފައިވާ ކަމަށް ގެދޮރުވެރިކަމާއި، ބިމާއި، ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޤައުމީ ތަރައްޤީއާއި، ތަރިކައިގެ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރުގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ.ޙައިދަރު ވިދާޅުވީ ފުށިދިއްގަރުފަޅުން ގޯއްޗާއި ފްލެޓު ދިނުމުގެ ބިޔަ މަޝްރޫޢާއެކު، 75،000 ޢާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ ކަމަށެވެ.

ޑރ. ޙައިދަރު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށްފަހު، މިސަރުކާރުން އެންމެ އިސްކަންދޭނެ އެއް ސިޔާސަތަކީ މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުން ކަމަށެވެ. އެގޮތުން، ފުށިދިއްގަރު ފަޅަކީ 20 އަހަރުގެ ދިގު ރާސްތާއަކަށް ރާވައިގެން ހިންގޭ މަޝްރޫޢެކެވެ.

ގެދޮރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ ކުރިއަށް އޮތްތާގައި މާލެ ސަރަހައްދަށް ވަރަށް ގިނަ މީހުން އިތުރުވާނެ ކަމަށާއި، މިހާރު މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އެކަނި ގޯތި ދީގެން ތިބެވޭކަށް ނެތް ކަމަށެވެ. އެހެންކަމުން ފުށިދިއްގަރު ފަޅުން ކުރިއަށް އޮތްތާގައި މާލެ ސަރަހައްދުގައި ދިރިއުޅޭނެ އެތައް ބަޔަކަށް ގޯތި ޔަޤީންކޮށްދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ހަމައެކަނި މިހާރު ތިބި ހުރިހާ އެންމެންނަށް ގޯތި ދީގެން، ދެން އަތް އުރާލައިގެން ތިބެވޭކަށް ނޯންނާނެ. އަޅުގަނޑުމެން ޖެހޭނެ ކުރިއަށް ވިސްނާފައި، ކުރިއަށް އޮތް 20 އަހަރަށް ޕްލޭނެއް ރާވަން." ޑރ. ޙައިދަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކާނެގޮތާއި، އެ މަޝްރޫޢަށް ޚަރަދުވާނެ ފައިސާ ހޯދާނެ ގޮތް މިސަރުކާރުން ރާއްވަވާނެކަމަށެވެ. އެގޮތުން، މިމަޝްރޫޢަށް ބޭނުންވާ ފައިސާ ބޭރުގެ ފަރާތްތަކުން ވެސް ހޯދިދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ އެންމެ ބިޔަ އެއް މަޝްރޫޢަކީ ފުށިދިއްގަރު ފަޅު ތަރައްޤީކުރުމެވެ. މިއީ ރާއްޖޭގައިވެސް މިހާތަނަށް ހިންގޭ ގެދޮރުވެރިކަމުގެ އެންމެ ބިޔަ މަޝްރޫއެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ހިއްކޭ ސަރަހައްދު، ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާ ވަރަށްވުރެ ތިން ގުނަ ބޮޑުވާނެ ކަމަށް ވަޒީރު ޑރ. ހައިދަަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.